ބޮލީވުޑް

އިމްރާން ހާޝިމީގެ މަންމަ މަރުވެއްޖެ

Mar 12, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީގެ މަންމަ މަހޭރާ ހާޝިމީ މަރުވެއްޖެ އެވެ.

އިމްރާންގެ މަންމަ، މަހޭރާ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ހިންދޫޖާ ހޮސްޕިޓަލުގަ އެވެ.

މަންމަ މަރުވިއިރު އިމްރާން ހުރީ "ރާޒް 4 ރީބޫޓް"ގެ ޝޫޓިންގައި ރޮމާނިޔާގަ އެވެ. އަދި މަންމަ މަރުވި ހަބަރާއެކު އިމްރާން އެނބުރި އިންޑިއާއަށް ވީހާވެސް އަވަހަކަށް އައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާގެ ބޮޑު ބޭބެ އަދި ފިލްމު ޕްރޮޑިއުސަރު - ޑައިރެކްޓަރު މުކޭޝް ބަޓް ވަނީ ބުނެފަ އެވެ.

މުކޭޝް އާއި މަހޭޝް ބަޓްގެ ފަހަރި ކަމަށްވާ މަހޭރާ މަރުވެފައިވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށްކަން މުކޭޝް ވަނީ ޔަގީންކޮށްދީފަ އެވެ.

އިމްރާންގެ ހަތަރު އަހަރުގެ ދަރިފުޅު އަޔާން އަށް ވެސް 2014 ވަނަ އަހަރުގެ ކުރީކޮޅު ވަނީ ކެންސަރު ޖެހިފަ އެވެ. މިހާރު ދަރިފުޅުގެ ބަލި ފަސޭހަވެފައިވާއިރު، އިމްރާން އަންނަނީ އޭނާގެ ދަރިފުޅަށް ކެންސަރު ޖެހުމުން ކުރިމަތިލާން ޖެހުނު ދަތިތަކުގެ މައްޗަށް ފޮތެއް ނެރުމަށް ތައްޔާރުވަމުންނެވެ.

"ރާޒް 4 ރީބޫޓް"ގެ މަންޒަރުތައް މިހާރު ނަގަމުން އަންނައިރު، އެންމެ އަވަހަށް އިމްރާން ފެންނާނީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަޒްހަރުއްދީންގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ "އަޒްހަރު" އިންނެވެ.