މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ރެއިޑްތައް ފެށުމާއެކު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުމަށްޓަކައި އަތޮޅު ތެރެއަށް ދާ މައްސަލަ ބޮޑުވެ އަތޮޅު ތެރެއަށް އޮޕަރޭޝަން ފުޅާކުރުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.
މާލެ އިން ފިލައިގެން ބިދޭސީން އެންމެ ގިނައިން ދަނީ ހދ. ކުޅުދުއްފުށްޓަށް ކަމަށް ސަރުކާރުގެ ބައެެއް އޮފިޝަލުން ވިދާޅުވެ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ފަރާތުން، މާލެ އާއި ކުޅުދުއްފުށި ސިޓީއާއި ދެމެދު ދަތުރުކުރާ ބޯޓުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުއްޓަށް އެތެރެވުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް އިމިގްރޭޝަން ނޯތު ރީޖަނަލް އޮފީހާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މިބައްދަލުވުމުގައި ސިޓީ ކައުންސިލަށާއި ކުޅުދުއްފުށި ސިޓީ ޕޮލިސްއަށް ވޭތުވެދިޔަ ތަނުގައި ފާހަގަކުރެވިފައިވާ ކަންކަމާއި އެ މައްސަލަ ހައްލުކުރުމަށް އަޅަން ހުށަހަޅާ ފިޔަވަޅުތައް އިމިގްރޭޝަނާ ހިއްސާކުރެވި މަޝްވަރާ ކުރެވިފައިވެ އެވެ.
މީގެކުރިން ސިޓީ ކައުންސިލުން އެކަމާ ގުޅޭ ގޮތުން އޮޑިވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމުގެ ގޮތުން ފިޔަވަޅުތައް ހަރުދަނާކުރުމަށް އެދި މޯލްޑިވްސް އިމިގްރޭޝަންގެ ސަމާލުކަމަށް މިމަހުގެ ކުރީކޮޅު މައްސަލަ ގެނެވިފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މިބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް އިދާރާތަކުން އެއްބަސްވެފައިވާ ކަމަށްވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.