ހުކުމް ތަންފީޒު ކުރާ މީހުން ރިހިބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހެއް ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައިދީން ރިހިބިލިޓޭޓް ކުރާނީ ގައުމިއްޔަތާއި ސަގާފަތަށް ލޯބި ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ސަގާފީ ގޯތީގައި ސަގާފީ ކަންކަމާއި ގައުމިއްޔަތާ ގުޅުންހުރި ކަންކަން ގައިދީންނަށް ދަސްކޮށްދިނުމަށްފަހު އެމީހުންނަށް އާމްދަނީ ލިބޭ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ.
އިހްސާން ވިދާޅުވީ ޖަލުގައި ގައިދީން މަސައްކަތެއް ދަސްކުރަން ހޭދަ ކުރާ ކޮންމެ ދުވަހަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން އުނިވާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"މިކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތައް ކަރެކްޝަނަލް ސާވިސަސް އިން ވަރަށް އަވަހަށް ކަނޑައަޅައި ހުރިހާ ގައިދީންނަށް އަންގާނެ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައިދީން ޖަލުގައި ގިނަ ދުވަސްތަކަކު ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު ބޭނުންވަނީ ޖަލުން ނިކުންނަ ކޮންމެ ގައިދީއަކީ ވެސް މުޖުތަމައަށް ބޭނުން ހިފޭ ކޮންމެވެސް މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ގައިދީން ރިހިބިލިޓޭޓް ކުރުމަށް މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ޕްރޮގްރާމުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރާނެ ކަމަށެވެ.