އެމްއެމްއޭ

400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްއެއް ހަދަނީ

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއްގައި ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން މިކަން ހާމަކޮށްފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެ އަށް "ސީސީ" ރޭޓިން އެއް ދިނުމާ ގުޅިގެން އެމްއެމްއޭ އަށް ފާހަގަކުރެވޭ ކަންކަން ހިމަނައިގެން ނެރުނު ބަޔާނެއްގައެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ފިޗް އިން ދަށްކުރި ދެވަނަ ފަހަރެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބެލުމަށްފަހު މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން އޭރު ދަށްކުރީ "ސީސީސީ ޕްލަސް" ގައެވެ.

އެމްއެމްއޭ އިން މިއަދު ވަރަށް ތަފްސީލްކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ހިއްސާކޮށް އެމްްއެމްއޭ އިން ބުނީ މިމަހުގެ 27 ވަނަ ނިޔަލަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 11 ޕަސަންޓް އިތުރު ކަމަށެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7 ޕަސަންޓް އިތުރު ކަމަށްވެސް ބުންޏެވެ.

"މިފަދަ ސަބަބުތަކާ އެކު މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން 4.9 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 ޕަސަންޓް ގައެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުމެވެ. އެހެންކަމުން ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023 ގައި 21.4 ޕަސަންޓްގައި ހުރުމަށް ފަހު މި އަހަރު މިއަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ 19.9 ޕަސަންޓް ގައި ކަމަށް ބުންޏެވެ.

ރަސްމީ ރިޒާވްއާ ގުޅޭގޮތުން އެމްއެމްއޭ އިން ދައްކާ ވާހަަކަ

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރުގައި ކަމަށާއި އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައި ކަމަށްވެސް ބުންޏެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުން ދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.

އެމްއެމްއޭ އިން ބުނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ އެންމެ ފަސް މިލިއަން ޑޮލަރު ކަމަށެވެ. މި އަދަދު މިހާރު 65 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

"މީގެ މައިގަނޑު ސަބަބަކީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުމެވެ. އަދި ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރި ކަމުގައި ފާހަގަކުރަމެވެ. މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވެ އެވެ." އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެ އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް ހިފަހައްޓަން ހުރި ގޮންޖެހުންތައް

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް 19ގެ އާލަމީ ވަބާއަށްފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވުން ކަމަށެވެ. އެގޮތުން ފާއިތުވި ޖުލައި މަސް ނިމުނުއިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށް ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް ނުވަތަ މޮޕް-އަޕް ކުރުމަށް އެ އޮތޯރިޓީން ތައްޔާރުވަމުންދާ ކަމަށެވެ.

"މީގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ވަނީ ނިންމާފަ އެވެ،" ބަޔާނުގައިވެ އެވެ.

އެމްއެމްއޭ އިން އިތުރަށް ބުނީ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.