ގަދަ ޓީމުތަކާ އެއް ސަފެއްގައި ވާދަކޮށް، އެހެން ޓީމުތަކަށްހުރި ބިރަކަށް މާޒިޔާވީ މީގެ ދެތިން އަހަރު ކުރިންނެވެ. މޮޅު ކުޅުންތެރިން ތިބި ނަމަވެސް އެހެން ޓީމުތަކަށް މާޒިޔާއާ މެދު ވިސްނާލަން މަޖުބޫރުވީ 2014 ވަނަ އަހަރުގެ ސީޒަނާ ހަމައިންނެވެ.
މިގޮތަށް އަޅުގަނޑު ލިޔުމުން އެންމެ "ރުޅި" އަންނާނީ ވެސް މާޒިޔާގެ އޮފިޝަލުންނެވެ. އެކަމަކު މިހެން ލިޔަން ޖެހުނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މާޒިޔާގެ ބައެއް އޮފިޝަލުން އަޅުގަނޑުގާތުގައި ދެއްކި ވާހަކައަކުންނެވެ. ފައިނަލްތަކާއި 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން ނިއު އަތުން ބަލިވަމުންދިއުމުން، ހިތްހަމަނުޖެހިފައި އިނދެ މާޒިޔާގެ އޮފިޝަލަކު ބުނީ "އެވެސް ނިއުރޭޑިއަންޓާ ކުޅުނުނަމަ ނުލިބޭނެ،" ކަމަށެވެ. އޭނާ އިޝާރާތްކުރީ އީގަލްސް ބަލިކޮށް، އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މާޒިޔާ ހޯދި މެޗަށެވެ.
ނަމަވެސް ރާއްޖޭގެ އެންމެ މޮޅު ކޯޗު އަލީ ސުޒޭން މީގެ ދެ އަހަރު ކުރިން ޓީމާ ހަވާލުވި ހިސާބުން މަންޒަރު ބަދަލުވި އެވެ. އޭނާ ފެށީ ވެސް މިއީ "ނިއުރޭޑިއަންޓަށް އުފާވެރި ހަބަރަކަށް ނުވާނެ،" ކަމަށާއި "މިފަހަރު ނިއުރޭޑިއަންޓްގެ ކަންތައް ނިންމާލާނަން،" ކަމަށް ބުނަމުންނެވެ.
ހަގީގަތަކީ ވެސް އެއީ އެވެ. އަހަރެއްގެ މެދުކެނޑުމަކަށް ފަހު ސުޒޭން އަލުން ދަނޑަށްއައުމާއެކު ނިއުގެ ޑޮމިނޭޝަން ނިމުމަކަށް އައެވެ. ދެ ތަށިން އެއް ތަށި ދަމައިގަނެ އެވެ. އޭނާ މިކަން ކުރީ ކުލަބުގެ ކާމިޔާބީއަށް އިސްކަންދިނުމުގެ އިތުރަށް ވަކިވަކި ކުޅުންތެރިން ވެސް ކާމިޔާބު ހޯދަން އޭނާ ބާރުއަޅައިގެންނެވެ. ބައެއް ކުޅުންތެރިން ހާސިލްކުރަންޖެހޭ ޓާގެޓްތައް ކަނޑައަޅައިދިނީ ވެސް އޭނާ އެވެ.
އޭގެ ތެރެއިން މިހާރު ވިދާ ބަބުޅަމުން އަންނަ ކެޕްޓަން އަސަދުﷲ އަބުދުﷲގެ ވާހަކަ ތަކުރާރުކޮށް، ސުޒޭން ކިޔާދެމުން އަންނަގޮތަކީ މިއީ އެވެ.
"އަހަރެން ހަވާލުވެފައި އެހިން އަސަދުﷲ ގާތުގައި ކޮބާހޭ އޭނާގެ ޓާގެޓަކީ މި ސީޒަނުގައި (2014) ވަނަ އަހަރުގައި. އޭނާ ބުނީ މި ސީޒަނުގައި ކުރީ އަހަރަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރާ ވާހަކަ. ދެން އަހަރެން އެހިން ނުވިސްނަންހޭ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ ރަންބޫޓު އެއްޗެއް ހޯދަން. އަހަރެން ގަބޫލުކުރާ ގޮތުގައި އަސަދުﷲ އަކީ މާޒިޔާގެ ކެޕްޓަން އެއިރުވެސް. ގައުމީ ޓީމުގައި އެންމެ ނަގާކިޔާ އެއް ކުޅުންތެރިޔާ. އެހެންވިއްޔާ އޭނާގެ އަމިއްލަ ޓާގެޓެއް ވެސް އޮންނަންވާނެ. އެދުވަހު އަހަރެން ބުނިން މި ސީޒަނުގައި ރަންބޫޓު ހޯދަންވާނެއޭ،"
ސުޒޭނުގެ ޓާގެޓަށް އަސަދުﷲ މަސައްކަތް ކުރި އެވެ. 2014 ވަނަ އަހަރުގެ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދި އެވެ. އަދި އެއަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެވެ. މި ދެ ކާމިޔާބީ އިއްޔެރޭ ކުރުނބާ މޯލްޑިވްސްގައި އޮތް ހަވީރު އެވޯޑް ހަފުލާގައި ދިފާއުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދި އިރު އެންމެ ބޮޑު ހިނިތުންވުމެއް ފެނުނީ ވެސް ސުޒޭނާއި މާޒިޔާގެ އޮފިޝަލުންގެ މޫނުމަތިންނެވެ.
އެރެއަކީ މާޒިޔާގެ އެވޯޑްނައިޓަކަށްވީ މިހެންވެ އެވެ. އަސަދުﷲގެ ފަހަތުން ދެ ވަނަ ހޯދީ މިއަހަރު ކުޅެން މާޒިޔާ އަށް ބަދަލުވެފައިވާ ނިއުގެ ކުރީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އެވެ. ތިން ވަނަ ހޯދީ މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. އެންމެ މޮޅު ކޯޗަކީ ސުޒޭނެވެ. މިއީ އޭނާ މިއެވޯޑް ހޯދި ދެ ވަނަ ފަހަރެވެ. ސާބަހެވެ.
މިއީ މާޒިޔާ ވަރުގަދަ ޓީމެއްގެ ސަފަށް އައި ފަހުން އެ ކުލަބަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. 2004 ވަނަ އަހަރުގެ އެފްއޭއެމުގެ ގޯލްކީޕަރުގެ އެވޯޑްނޫން ހުރިހާ މަގާމެއް ވެލެންސިއާގެ ކުޅުންތެރިން ހޯދި ފަހުން ކުލަބަކަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އިއްޔެރޭ ލިބިގެންދިޔައީ މާޒިޔާ އަށެވެ.
މިކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ޝުކުރެއް އޮތީ އަޅުގަނޑު ދެކޭގޮތުގައި ސުޒޭނަށެވެ. ކޮންމެ އަހަރަކު ވެސް ބޮޑު ހޭދަތަކެއް ކުރަމުން އައި މާޒިޔާގެ މެނޭޖްމަންޓަށާއި ކުޅުންތެރިންނަށް ކާމިޔާބު ހޯދާނެ ސީދާ މަގު ދައްކައިދިން މީހަކީ އޭނާ އެވެ. ސުޒޭނަކީ ކާމިޔާބުނޫން އެއްޗެއް ގަބޫލުނުކުރާ ކޯޗެވެ. އޭނާ ހުންނަ ޓީމަކީ އަބަދުވެސް ކުޅުންތެރިންނާއި ކާމިޔާބީގެ ގޮތުން ވެސް އެއްވަނަ ޓީމަކަށްވުމަކީ ސުޒޭން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.
ވިކްޓަރީގެ ކޯޗަށް އޭނާ ހުރިއިރު ވެސް މިކަން ފެނުންނެވެ. އަބަދުވެސް ވަރުގަދަ ސްކޮޑެއް އޮވެ އެވެ. ރަތްޖާޒީގައި މުހައްމަދު އުމޭރާއި މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހީމް ފަޒީލް (އޮއްޕޮ) މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލިއިރު އެންމެ މޮޅު ކީޕަރުގެ އަންގި ކީޕަރު އިމްރާން މުހައްމަދު ހެޔޮވަރުކޮށްގެން ހުރީ ސުޒޭންގެ ވަރަށް ބޮޑު ހިއްސާއަކާއެކުގަ އެވެ. ފާއިތުވެދިޔަ އަށެއްކަ އަހަރު އެވޯޑްތައް ހޯދި ގިނަ ކުޅުންތެރިންނަކީ ވެސް އޭނާގެ ކުޅުންތެރިންނެވެ.
އަނެއްކޮޅުން ސުޒޭނާއެކު ބޮޑެތި ކާމިޔާބީތައް މާޒިޔާ ހޯދަން ފެށިއިރު ރާއްޖޭގެ އެންމެ ދުވަސްވީ ބޮޑެތި ކުލަބުތަކުން މިހާރު ތިބެންޖެހިފައިއެވަނީ ކުޅިބަލާށެވެ. ނިއު އަދިވެސް އެންމެ މަތިފަޑީގައި އޮތް ނަމަވެސް އިރެއްގައި ކާމިޔާބުތަކެއް ހޯދި ވިކްޓަރީ އާއި ވެލެންސިއާ އޮތީ މާޒިޔާ އަށްވުރެ ގިނަ ގޮތްގޮތުން ފަހަތުގަ އެވެ.
މިކަން އެންމެ ބޮޑަށް ފެންނަން އޮތީ މާޒިޔާގެ މެނޭޖްމަންޓް ތެރެއިންނެވެ. އަބަދުމެހެން ފެހި ޓީޝާޓްގައި ފެންނަ މާޒިޔާގެ މެނޭޖްމަންޓުގެ އެންމެނަކީ ވެސް ވަރަށް އެކުވެރިބައެކެވެ. ކުލަބުގެ ހުރިހާ ކަމެއްގައި ވެސް އުޅެނީ އެމީހުންނެވެ. އަބަދުވެސް ވިސްނުމަކީ މެނޭޖްމަންޓަށް އިނގިލިދިގުނުކުރެވޭ ވަރަށް ކަންކަން ފުރިހަމަކޮށްފައި ބެހެއްޓުމެވެ.
މި ގޮތުން ބަލާއިރު ފާއިތުވެދިޔަ ފަސް އަހަރު ރާއްޖޭގެ މޮޅުކުޅުންތެރިން އެކުލަބުގައި ހިފެހެއްޓުނީ ދެތިން ކަމަކާހުރެ އެވެ. ޗެއާމަން އަހުމަދު ސާޖިދުގެ ބޮޑު އެހީތެރިކަމަކާއެކު ބަރާބަރަށް މުސާރަދެމުން އައި ހަމައެކަނި ކުލަބަކީ މާޒިޔާ އެވެ. އިންޖަރީވެގެން ކުޅުންތެރިއަކު ބަލިއެނދުގައި އޮތަސް އަޅާލަ އެވެ. ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ކަމެއް ފަހެއްނުކުރެ އެވެ. ދުރާލައި ސީޒަނަށް ތައްޔާރުވާން ފަށަ އެވެ. އަބަދުވެސް ސްކޮޑު ވަރުގަދަ ކުރެ އެވެ. ކޯޗުގެ ޕްލޭނަށް މަސައްކަތްކުރަން ހުރިހާ ކަމެއް ފަހިކޮށްދެ އެވެ. މިހުރިހާ ކަމަކަށް ބަލާއިރު އަދި ދެތިން އަހަރުތެރޭގައި އިތުރު ކާމިޔާބީތަކަކާއެކު މާޒިޔާ ގޮސް އޮބާލާނެއޭ ވެސް ބުނެވިދާނެ އެވެ. ތިޔަހޯދި ކާމިޔާބީ އަށް މަރުހަބާ އެވެ.