ބަންގްލަދޭޝް

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި އެވެ.

ދިވެހި ޑޮކްޓަރުންނަށް ހަމަލާދިނީ އެ ދެ ޑޮކްޓަރުން ޑިއުޓީ ކުރަމުން ދިޔަ ހޮސްޕިޓަލަށް ހާޓް އެޓޭކެއް ޖެހިގެން ގެންދިޔަ ބަލިމީހަކަށް ނުބައި އިންޖެކްޝަނެއް ދިނުމަށްފަހު މަރާލީ ކަމަށް ތުހުމަތުކޮށްފަ އެވެ.

މި ހަމަލާ ދިނީ ބަލި މީހާ މަރުވުމުން މަރުގެ ސެޓްފިކެޓް ތައްޔާރުކުރުމަށް އެމީހާގެ އައިޑީ ކާޑު ނަގަން އާއިލާގެ ކައިރިއަށް ދިއުމުން ކަމަށް އެނގިފައިވެ އެވެ.

ދެ ޑޮކްޓަރުންނަށް ހަމަލާދިނުމުން އެ މީހުން ސަލާމަތް ކުރީ އެ ވަގުތު ޑިއުޓީގައި ތިބި ސީނިއަ ޑޮކްޓަރުންތަކެއް އެތަނަށް ގޮސްގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ދެ ޑޮކްޓަރުން ޑިއުޓީ ކުރަމުން ދިޔަ ހޮސްޕިޓަލްގައި ސެކިއުރިޓީ މީހުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހުން މިވަގުތު ހަޅުތާލެއްގައި އުޅެމުންދާތީ އެ މީހުން މިވަގުތު ހޮސްޕިޓަލްގެ ސެކިއުރިޓީއަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށްވެ އެވެ.

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ކިޔަވަމުންދާ ދިވެހި ޑޮކްޓަރުންނަށް ހަމަލާ ދިނުމާ ގުޅިގެން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ވަނީ ދިވެހި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފަ އެވެ.