ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އެދިއްޖެ އެވެ.
ރާއްޖޭގެ ހަތް ޖަމިއްޔާ އަކުން ގުޅިގެން އުފައްދާފައިވާ އެލަޔަންސް -- މޯލްޑިވްސް އެންސީޑީ އެލަޔަންސުން ރައީސް އަށް ފޮނުވި ސިޓީއެއްގައި ވަނީ ވޭޕް މަނާކޮށްދިނުމަށް އެދިފަ އެވެ.
މިއެލަޔަންސްގައި ހިމެނެނީ މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، ޑައިބެޓީސް ސޮސައިޓީ، ޓައިނީ ހާޓްސް، ޝީ، އެމްއޭޕީޑީ، ތެލެސީމިއާ ސޮސައިޓީ އަދި ކެންސަ ސޮސައިޓީ އެވެ.
އެލަޔަންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާއިރު ދުންފަތާއި ދުންފަތުގެ ބާވަތްތައް އެކަމަށް ވަރަށް ބޮޑަށް މަގުފަހިކުރާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ވަނީ އީ-ސިނގިރޭޓާއި ވޭޕް އަކީ ދުންފަތުގެ ބާވަތެއް ކަނޑައަޅާފަ އެވެ.
ޑަބްލިއުއެޗްއޯގެ ނިންމުމަށް އިޝާރާތްކޮށް އެލަޔަންސުން ބުނީ ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމުގައި ނިކޮޓިން ހުންނަ ވޭޕް އަދި އީ-ސިނގިރޭޓް އަދާކުރާ ދައުރެއް އޮތް ކަމަށެވެ. އެހެންވެ ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެ އެވެ.
"މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ އަދި ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އެމެރިކާގެ ކެންސަ ސޮސައިޓީގެ ދިރާސާއަކާ ހަވާލާދީ ބުނެފައިވަނީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބަޔާން ކުރާ 15 ޕަސެންޓް މައްސަލަތަކުގެ ތެރޭގައި ވޭޕް ހިމެނޭ ކަމަށެވެ. އަދި ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 30 ޕަސަންޓް މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެ އެވެ.