އާސަންދަ

އިންޑިއާގެ ދެ ހޮސްޕިޓަލަކަށް އާސަންދަ ހިދުމަތް މެދުކަނޑާލައިފި

އިންޑިއާގެ ބެންގަލޫރޫގެ ދެ ހޮސްޕިޓަލަކަށް އާސަންދައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އާސަންދަ ކުންފުނިން މިއަދު ބުނި ގޮތުގައި ހިދުމަތް މެދުކަނޑާލީ ބެންގަލޫރުގެ އެސްޓާ ސީއެމް އައި ހޮސްޕިޓަލާއި، ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑަށެވެ.

އާސަންދަ އިން ބުނީ އެ ދެ ހޮސްޕިޓަލަށް ހިދުމަތް މެދުކެނޑުނީ އެ ދެ ހޮސްޕިޓަލުން އިންޝުއަރެންސްގެ ދަށުން ކްރެޑިޓަށް ހިދުމަތް ނުދޭން ނިންމުމުން މިވަގުތު ބަލި މީހުން ފޮނުވުން މަޑުޖައްސާލުމަށް އެ ދެ ހޮސްޕިޓަލުން އެންގުމާ ގުޅިގެން ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުންވެސް ވަނީ މެދުކަނޑާލާފަ އެވެ. އެ ހޮސްޕިޓަލްގެ އަގުތައް މުރާޖައާ ކުރަމުންދާ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ.

އާސަންދަ ހިދުމަތް ލިބޭ ބޭރުގެ ހޮސްޕިޓަލް ތަކުގެ ތެރޭގައި އިންޑިއާ 49 ހޮސްޕިޓަލަކާއި ލަންކާގެ އަށް ހޮސްޕިޓަލެއް ހިމެނެ އެވެ.