ބޭރު ކުޅިވަރު

ނިއުކާސަލްގެ ކޯޗުކަން ބެނީޓޭޒަށް

ނިއުކާސަލް ޔުނައިޓެޑުގެ ކޯޗުކަން ރަފާ ބެނީޓޭޒް އަށް ދީފި އެވެ.

ސްޕޭނުގެ ކޯޗު ބެނީޓޭޒް އެންމެ ފަހުން ހުރީ ރެއާލް މެޑްރިޑުގެ ކޯޗަކަށެވެ. އޭނާ އެކުލަބުގެ ކޯޗުކަމުން މިދިޔަ ޖެނުއަރީ މަހު ވަކިކުރީ މަގާމާ ހަވާލުވިތާ ހަތް މަސް ފަހުންނެވެ.

ނިއުކާސަލްގެ ކޯޗުކަން ހުސްވީ އެ ޓީމުގެ ކޯޗުކަމުން އިއްޔެ ސްޓީވެ މެކްލެރަން ވަކިކުރުމުންނެވެ. އޭނާ މަގާމުން ވަކިކުރީ އެންމެ ފަހުން ކުޅުނު 28 މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކުރެވި 24 ޕޮއިންޓާއެކު ޓޭބަލުގެ ފުލުން ދެ ވަނަ އަށް ވެއްޓުމުންނެވެ.

ލިވަޕޫލަށް ޗެމްޕިއަންސް ލީގު އަދި ޗެލްސީ އަށް ޔޫރޮޕާ ލީގު، އިންޓަމިލާނަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ވެލެންސިއާގެ ކުރީގެ ކޯޗު ނިއުކާސަލްއާ ހަވާލުވުމަށްފަހު ބުނީ އޭނާގެ އުއްމީދަކީ ޓީމު ކޮޅަށް ޖެހުން ކަމަށެވެ.

"އަހަންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ޕްރެޝަރު އެބައޮތް. އެކަމަކު އަހަރުމެން އެންމެން މަސައްކަތް ކުރާނީ އެއް ޓާގެޓަކަށް. އަހަރެން އުއްމީދު ކުރަނީ ރަނގަޅު ކާމިޔާބީތަކެއް ލިބޭނެ ކަމަށް. ނިއުކާސަލް އަކީ އިނގިރޭސި އެންމެ ތާރީހީ އެއް ކުލަބު. އިނގިރޭސި ފުޓްބޯޅައިގައި ބައިވެރިވެވޭތީވެ އަހަރެން އުފާކުރަން،" ބެނީޓޭޒް ބުންޏެވެ.

ނިއުކާސަލްގެ ކޯޗުކަމާ ބެނީޓޭޒް ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ނަމަވެސް މި ސީޒަނުގައި ބާކީ އެންމެ ނުވަ މެޗު އޮތުމުން ޓީމު ރެލިގޭޓްވެއްޖެނަމަ އޭނާ އަށް އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.