މުހައްމަދު ސައީދު

ޕޭޕަލްއަށް ރާއްޖޭގެ ޕްރޮޕޯޒަލް ފޮނުވައިފި

ފައިސާގެ މުއާމަލާތް ކުރުމަށް ދުނިޔޭގައި މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެއަށް ތައާރަފު ކުރުމަށް ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް އެ ކުންފުންޏަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ދައުލަތުގެ މީޑިއާ -- ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ރޭ ވިދާޅުވި ގޮތުގައި ޕޭޕަލްއަށް ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް ހުށަހެޅީ މީގެ ތިން ދުވަސް ކުރިންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ،" ސައީދު ވިދާޅުވި އެވެ.

ޕޭޕަލް އަށް ދިވެހި ސަރުކާރުން ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު ޕޭޕަލް ގެންނަން ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓަރު ސައީދު ވަނީ އެ ކުންފުނީގެ އިސްވެރިންނާ މިދިޔަ މަހު މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައިވެސް ވަނީ ޕޭޕަލް ރާއްޖެއަށް ގެނައުމަށްޓަކައި އެމެރިކާގެ ކަމާ ގުޅޭ ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާފަ އެވެ.

ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގައި ޕޭޕަލް މެދުވެރިކޮށް މިވަގުތު ފައިސާ ފޮނުވޭ ގޮތް ހަމަޖެހިފައިވީ ނަމަވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނުވެ އެވެ.