އަންހެނަކު ރަހީނުކޮށްގެން އުޅުނު މީހާގެ އަތުގައި އޮތް ތޫނު ހަތިޔާރުން އޭނާ ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ ފާހަގަކުރަންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި އަންހެނަކު ރަހީނުކުރުމުގެ އަމަލު ހިންގި ފިރިހެން މީހާ ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ފިރިހެން މީހާ ސަލާމަތްކުރުމުގެ ތެރޭގައި ޒަހަމުވި ފުލުހުގެ ވާހަކަ އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޒަހަމްވި ފުލުހުގެ އަތުގެ އިނގިލިތައް ޒަހަމްވެފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާގެ ހުށިޔާރު ކަމުގެ ސަބަބުން ފިރިހެން މީހާއަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވި ކަމަށެވެ.
"އޭނާގެ އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމުތައް އެއީ ސަސްޕެކްޓަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު،" ކޮމިޝަނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަކީ އެމީހުން ކުރާ މަސައްކަތުގައި ރިސްކު އޮތް ބަޔެއް ކަމަށާއި އެމީހުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
ނިމިގެން ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން އުޅުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އޭނާ ސަލާމަތްކުރުމަށް ދިއުމުން ފިރިހެން މީހާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސާ، އޭނާ ސަލާމަތްކުރަން އުޅެފިނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ފުލުހުން ވަނީ އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާގައި އަންހެން މީހާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ފިރިހެން މީހާއަށް ވަނީ އަނިޔާތަކެއް ލިބި، ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. އެ ފިރެހެން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.