ސީޕީ އަލީ ޝުޖާއު

ގޭންގްތައް އުޅޭ ސަރަހައްދުތަކުގައި ފުލުހުން ޑިއުޓީ ކުރަނީ

މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަން ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ސީޕީ އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައަޅާފައިވާ ގޭންގް ކުށްތައް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން އޮނިގަނޑަށް މި ފަހުން ގެނައި ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ހާއްސަ ވިންގެއް ގާއިމުކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

"މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.

ފުލުހުން ހާމަކުރި ގޭންގް ކްރައިމް އެންފޯސްމަންޓްގެ މަސައްކަތްތަކުގެ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް 12،253 މީހުން ހުއްޓުވާ ސުވާލުކޮށްފައިވެ އެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ގޭންގް އެންފޯސްމަންޓް އިން މި މުއްދަތުގައި 87،775 ސަރަހައްދު ޗެކްކުރި ކަމަށްވެސް ފުލުހުން ބުނެ އެވެ.