މޯލްޑިވްސް ޕޮލިސް ސާވިސް

މާލެ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާ ގޮތް ހަދަނީ

މާލެ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލު ގެނެސްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސީޕީ އަލީ ޝުޖާއު ވިދާޅުވީ މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފަ މިހާރު ވާނެ، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެންދާއިރު ފުލުހަކު ފެންނަން ޖެހޭނެ. އެކަން ހާސިލުކުރުމަށް މިހާރު މި މަސައްކަތް ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މި މަގުސަދު ހާސިލުކުރުމަށް މިހާރު ތަމްރީން ހަދަމުންދާ ފުލުހުން، ތަމްރީނަށްފަހު އައުމުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ އެވެ.

"މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުން އެބަ ގެންދޭ. އެ ފުލުހުން ތަމްރީންކޮށް ހިދުމަތަށް ނެރުމަށް ގެންދަނީ މަސައްކަތް ކުރަމުން،" ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ސީނިއާ ފުލުހުން ހިމެނޭ ގޮތަށް މުޅި ރާއްޖޭގައިވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމަށް ފުލުހުންގެ ސީނިއާ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.