އެކްސިޑެންޓް

އެކްސިޑެންޓްވުމުން ފިލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓަށްފަހު ފިލި ކަމަށް ތުހުމަތު ކުރެވޭ މ. ލޭންޑް އޮފް ގާޑަން، އިބްރާހީމް އިކްރާމް، ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިބްރާހީމް އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް އެވެ.

ހައިކޯޓުން އިއްޔެ އިކްރާމް މިނިވަން ކުރީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ އެކަން ކުރަން އޮންނަ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބަލާފަ އެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ހައިކޯޓުން ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓްތައް ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.