ރަސްމީ ގަޑީގައި މުވައްޒަފުން ބޭރަށް ކޮފީ ބޯން ދާތީ ހަރަދު ބޮޑުވާ ކަމަށް ބުނެ އޮސްޓްރޭލިއާގެ މައިނިން ކުންފުންޏެއް ކަމަށްވާ މިނެރަލް ރިސޯސަސް އިން އޮފީހުން ބޭރަށް ކޮފީ ބޯން ދިއުން މަނާކުރަން ނިންމައިފި އެވެ.
އޮސްޓްރޭލިއާގެ މައިނިން ކުންފުންޏެއް ކަމަށްވާ މިނެރަލް ރިސޯސަސްގެ މެނޭޖިން ޑިރެކްޓަރު ކްރިސް އެލިސަން ވިދާޅުވީ އޮފީހުން ބޭރަށް ކޮފީ ގަތުމަށް ދާ މުވައްޒަފުންގެ ސަބަބުން ކުންފުންނިން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ.
ކުންފުނީގެ މާލީ ނަތީޖާތައް ހާމަކުރުމުގެ ޖަލްސާގައި އެލިސަން ވިދާޅުވީ މުވައްޒަފުން "މުޅި ދުވަހު އޮފީހުގައި ބަންދުކޮށްފައި" ބޭތިއްބުމަށް ބޭނުންވާ ކަމަށެވެ. "އަހަރެން ބޭނުމެއް ނޫން އެމީހުން އިމާރާތުން ބޭރަށް ދާކަށް،" އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ވެރިރަށް ޕާތުގައި ހުންނަ މި ކުންފުނީގެ ހެޑް އޮފީހުގައި ރެސްޓޯރަންޓަކާއި ޖިމަކާއި އަދި މުވައްޒަފުން އޮފީހުގައި ގިނަ ވަގުތު ތިބުމަށް ހިތްވަރު ލިބޭ ތަފާތު ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ. މީގެއިތުރުން މި އޮފީހުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ނުވަ ޑޮކްޓަރުންވެސް ތިއްބަވަ އެވެ.
ކްރިސް އެލިސަން އަކީ "ގޭގައި މަސައްކަތްކުރުން މަނާ" ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ މުވައްޒަފުން އޮފީހުގައި މަސައްކަތްކުރުމުގެ ފައިދާތަކާ މެދު އެހެން މައިނިން ކުންފުނިތަކުންވެސް ވިސްނަންޖެހޭ ކަމަށެވެ.
"މި ސިނާއަތަށް މިކަން [އޮފީހުން ބޭރުގައި ގިނަ ވަގުތު އުޅުނު] ތަހައްމަލެއް ނުކުރެވޭނެ. ހަފްތާއަކު ތިން ދުވަހު މަސައްކަތްކޮށްފައި ފަސް ދުވަހުގެ މުސާރަ ނަގާކަށް ނުވަތަ ހަތަރު ދުވަހު މަސައްކަތްކުރާކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އޮފީސް ގަޑީގައި ބޭރުތެރޭ ކޮފީ މޭޒުތަކުގައި މުވައްޒަފުން ވަގުތުތައް ހޭދަކުރާ ކަމުގައި ޝަކުވާ އަކީ ވަރަށް ގިނަ ކުންފުނި ތަކުގެ ވެރިން ކުރާ ޝަކުވާ އެކެވެ. ހަމަ ގައިމުވެސް ދިވެހިރާއްޖޭގެ ސަރުކާރުގެ އެކިއެކި އޮފީސްތަކުގައި މަސައްކަތްތައް ފުނި ޖެހިފައި ހުންނައިރުވެސް މުވައްޒަފުން ގިނަ ވަގުތު ކޮފީގައި ހޭދަ ކުރުމަކީ އާންމުންގެވެސް ވަރަށް ބޮޑު ޝަކުވާ އެކެވެ.