ވަޒީފާ

އެމްޓީސީސީއިން ދިވެހިންނަށް 100 އަށްވުރެ ގިނަ ވަޒީފާ

އެމްޓީސީސީން ދިވެހިންނަށް ހާއްސަކޮށް 100 އަށްވުރެ ގިނަ ވަޒީފާ އިއުލާނު ކުރުމާއެކު އެ ވަޒީދާތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިިފި އެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެއް ކުންފުނި، އެމްޓީސީސީން ވަޒީފާއަށް އިއުލާނު ކޮށްފައިވާ ރަށްރަށުގެ ތެރޭގައި ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އާއި ރ. އުނގޫފާރު އަދި އެ އަތޮޅު ދުވާފަރު ހިމެނެ އެވެ.

އެ ކުންފުނިން އިއުލާނު ކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި ލޭބަރުންނާއި އެކްސްކަވޭޓަރު އޮޕަރޭޓަރުންނާއި ޕިކަޕު ޑްރައިވަރުންގެ އިތުރުން އިލެކްޓްރިޝަނުން ފަދަ ގިނަ ވަޒީފާތަކެއް ހިމެނެ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވި ގޮތުގައި ވަޒީފާތައް އިއުލާނު ކުރަމުން ގެންދަނީ ދިވެހިންނަށް ވަޒީފާ ހޯދައި ދިނުމުގެ ސިޔާސަތެއްގެ ތެރެއިންނެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ސިޔާސަތަކީ ކިރިޔާ ވެސް ދިވެއްސަކަށް ވަޒީފާއެއް ދެވެން އޮއްވައި ބޭރު މީހަކު އެ މަގާމަށް ނުގެނައުން. އެހެންވެ ބިދޭސީން ތިބި ވަޒީފާ ތަކަށް ދިވެހިން ނަގަމުން މިދަނީ. މި ހާލަތުގައި ދިވެއްސަކަށް ވަޒީފާއެއް ހޯދައި ދެވިއްޖެނަމަ އެއީ އެތަށް އާއިލާ އަކަށް ލިބޭނެ ހިތްހަމަ ޖެހުމެއް،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން ދިވެހިންނަށް ވަޒީފާ ހޯދައި ދޭން މަސައްކަތް ފަށާފައިވާއިރު، އެ ކުންފުނީގެ ކޮންނަ ބޯޓް "މަހާޖައްރާފު" ދުއްވަނީ ވެސް މިހާރު މުޅީން ދިވެހިންނެވެ.