މޯލްޑިވްސް ޕޮލިސް ސާވިސް

އަތުހަރު މަރުވެއްޖެ، އޮޓޮޕްސީ ހަދަނީ

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ސަލާމަތްކޮށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ދޫނިދޫ ޖަލު ގޮޅީގައި ބަންދުކޮށްފައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ރޭ އިރުއޮއްސުނު ވަގުތު އެވެ.

ފުލުހުންނަށް އޭނާ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް އޭނާ ވެއްދުނީ ރޭ 7:25 ހާއިރު އެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ އަތުހަރު މަރުވި މައްސަލަ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"މިމައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެެވެ.

އަތުހަރު ރަހީނުކުރި އަންހެނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދެ މީހުން ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގައި އަންހެން މީހާ ރަހީނުކޮށް، ވަޅިން ބިރު ދެއްކުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ގެއިން ބޭރަށް ނިކުމެ ސައިކަލެއްގައި ދާން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުން އަތުހަރަށް އެރޭވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.

އަތުހަރަކީ ކުރިން ވެސް ކުށް ކުރިކަމަށް ސާބިތުވުމުގެ ސަބަބުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.