ބޮލީވުޑް

ސަލްމާން އާއި ސަންޖޭގެ ރަހުމަތްތެރިކަން ނިމުމަކަށް؟

Mar 12, 2016

ޖަލަށްލާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު، މިދިޔަ މަހުގެ ތެރޭގައި މިނިވަންވުމާއެކު އެކަމާ އެންމެ އުފާވާނެ ކަމަށް ގިނަބަޔަކު އުންމީދުކުރީ ސަންޖޭގެ އެންމެ ގާތް އެކުވެރިޔާ ސަލްމާން ހާން ކަމަށެވެ.

ސަންޖޭ ޖަލުން މިނިވަން ވުމުގެ ކުރިން ސަލްމާން ވަނީ އޭނާގެ ބޭބެ އެއްފަދަ ސަންޖޭ ޖަލުން މިނިވަނެއްގެ ގޮތުގައި ނިކުތުމުން ވަރުގަދަ ޕާޓީއެއް ބާއްވައި އެކަން ފާހަގަކުރާނެ ކަމަށް މީގެކުރިން ބުނެފަ އެވެ.ނަމަވެސް ސަންޖޭ މިނިވަންވުމުން ބޮލީވުޑްގެ ގިނަ ފަރާތްތަކުން އޭނާއާ ބައްދަލުކޮށް މަރުހަބާ ކިޔަން ދިޔައިރުވެސް ނުދާ މީހަކީ ސަލްމާން އެވެ. ބުނެވޭ ގޮތުގައި މި ދެއެކުވެރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހި މިހާރު ވާހަކަވެސް ނުދައްކަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން ސަންޖޭ އާއި ސަލްމާންގެ ދެމެދުގައި އޮތް ގާތްގުޅުން ހީނަރުވެފައިވަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅެން ރަންބީރު ކަޕޫރަށް ހުށަހެޅި ހިސާބުންނެވެ.

ސަލްމާން އާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ސަލްމާން ދޫކޮށް ކެޓްރީނާ އާއި ރަންބީރާ ރައްޓެހިވިފަހުން މިދެމީހުންގެ ދެމެދުގައި ވަނީ ރުޅިވެރިކަމެއް އުފެދިފަ އެވެ. އަދި ސަލްމާން، ރަންބީރު ދެކެ އެހާ ރުޅިއަންނައިރު، އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާ ހިމަނަން ބޭނުންނުވީ އެވެ.

ނޫސްތަކުގައިވާ ގޮތުން ސަލްމާން ވަނީ ސަންޖޭގެ ރޯލު ކުޅުމަށް ރަންބީރަށް ހުށަހެޅިކަން އެނގުމުން ސަންޖޭ ކުރެން ރަންބީރު އެފިލްމު ކުޅެން އޭނާ ބޭނުންނުވާ ކަމަށާއި، ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާ ވާހަކަދައްކައިގެން އެރޯލު އެހެން އެކްޓަރަކަށް ހުށަހެޅުމަށް އެދިފަ އެވެ. ސަލްމާންގެ އެދުމަށް ސަންޖޭ، އެހެން އެކްޓަރަކަށް އެ ރޯލު ދިނުމަށް ޑައިރެކްޓަރާ ވާހަކަ ނުދެއްކުމުގެ ސަބަބުން ސަންޖޭދެކެ ސަލްމާން ހިންހަމަ ނުޖެހިފައި ހުރި ކަމަށް ނޫސްތައް ބުނެ އެވެ.

ސަންޖޭ ޖަލުން މިނިވަންވީ ފަހުން އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވުމަށް ދިޔައިރު އެހަފްލާގައި ސަލްމާން ހުރި ނަމަވެސް މިދެތަރިން އެކަކު އަނެކަކާ ވާހަކަދައްކާފައެއް ނުވެ އެވެ. އަދި ސަންޖޭ ކުރެން މިނިވަންވުމުން ސަލްމާންއާ ބައްދަލުކޮށް އޭނާގެ ފާމްހައުސްގައި ޕާޓީ ބޭއްވުމާއި ބެހޭގޮތުން އެހުމުން ވަނީ ސަލްމާން އޭނާއާ ބައްދަލުނުކުރާ ކަމަށާއި އަދި ޕާޓީއަކަަށް ދައުވަތުވެސް ނުދޭ ކަމަށެވެ.