އެފްއޭއެމް

އެސްޓީއޯއިން ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް

ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ބާއްވަން ނިންމި، ސައުތު ލީގުގެ ސްޕޮންސަރުގެ ގޮތުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަތުން ނެގި 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ސައުތު ލީގު ކުޅުމުގެ ނަމުގައި އެފްއޭއެމް އިން އެސްޓީއޯއިން ހޯދި ފައިސާ އަނބުރާ ހޯދަން އެސްޓީއޯއިން ދައުވާ ކުރި މައްސަލައެކެވެ.

އެސްޓީއޯއިން އެފްއޭއެމްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފްއޭއެމްއިން ކުރިއަށް ގެންދާ "ދިވެހި ލީގު"ގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި "އެސްޓީއޯ ސައުތު ލީގު"ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އޮކްޓޫބަރު 18، 2022 ވަނަ ދުވަހު ދެފަރާތުން އެއްބަސްވެފައިވާ ކަމަށާއި އެ މުބާރާތް ރާވައި އިންތިޒާމުކޮށް ހިންގުމަށް ސްޕޮންސާޝިޕްގެ ގޮތުގައި އެސްޓީއޯއިން އެފްއޭއެމްއަށް 1.5 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ތިން ޕޭމަންޓަކަށް ބަހާލައިގެން މި ފައއިސާ ދައްކާފައިވާނެ ކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެ އެވެ. އެއީ ފުރަތަމަ 700،000 ރުފިޔާ އަނެއް ދެ ފަހަރު ކޮންމެ ފަހަރަކު 400،000 ރުފިޔާ އެވެ. އެހެންނަމަވެސް މިފައިސާ ދައްކާފައިވީ ނަމަވެސް އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް މުބާރާތް ބާއްވާފައެއް ނުވެ އެވެ. އެހެންވެ އެސްޓީއޯއިން މި މައްސަލައިގައި އެދިފައިވަނީ ސްޕޮންސާގެ ގޮތުގައި އެފްއޭއެމްއަށް ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ މި މައްސަލައިގެ ލިޔެކިޔުން އެފްއޭއެމްއަށް ހަވާލުކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް އެފްއޭއެމްގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި، މައްސަލައަށް އެފްއޭއެމްއިން އިންކާރުކުރާ ކަމުގައި ބަލައިގެންނެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ސިވިލް ކޯޓުން ވަނީ އެސްޓީއޯ އަދި އެފްއޭއެމްގެ ދެމެދުގައި ވެފައިވާ އެއްވަސްވުމަށް އެފްއޭއެމްއިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި "އެސްޓީއޯ ސައުތު ލީގު"ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ސްޕޮންސާގެ ގޮތުގައި ދީފައިވާ 1.5 މިލިއަން ރުފިޔާ މިމަހު 15ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައިވެ އެވެ.