ހަބަރު

"އީޔޫއިން އިނގިރޭސިވިލާތް ވަކިވެއްޖެނަމަ ކޮމަންވެލްތު ގައުމުތަކަށް ގެއްލުންވާނެ"

ޔޫރަޕިއަން ޔުނިއަން (އީޔޫ)އިން އިނގިރޭސިވިލާތް ވަކިވެއްޖެނަމަ ކޮމަންވެލްތުގެ ގައުމުތަކަށް ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ޓެލެގްރާފަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

ނަޝީދު ވަނީ އީޔޫއިން ވަކިނުވުމަށް އިނގިރޭސިވިލާތަށް ގޮވާލައްވާފަ އެވެ. މިގޮތަށް ނަޝީދު ގޮވާލައްވާފައިވާއިރު، އިނގިރޭސިވިލާތުން ދަނީ އީޔޫއިން ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ތައްޔާރުވަމުންނެވެ. މި ވޯޓް އޮންނަނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.

އީޔޫއިން ވަކިވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުންގެ ހިޔާލު ވެސް ވަނީ ތަފާތުވެފަ އެވެ. ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގައި ވެސް މިކަމާ ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެ ޕާޓީގެ ބައެއް ބޭފުޅުން އީޔޫއިން ވަކިވުމަށް ބޭނުންވާއިރު ގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ބޭނުންފުޅު ވަނީ އީޔޫ ވަކިވުމަށް ނޫން ކަމަށާއި އީޔޫ އިސްލާހުކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އީޔޫއިން ވެސް ވަނީ އެ ޖަމާއަތުގެ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮންނަން ނިންމައިފިނަމަ އެ ގައުމުން ބޭނުންވާ އިސްލާހުތައް ގެންނާނެ ކަމަށް ބުނެފަ އެވެ.

ޑޭވިޑް ކެމަރަންއާ ގާތް ގުޅުމެއް އޮންނަ ނަޝީދު ވިދާޅުވީ، އިނގިރޭސިވިލާތް އީޔޫގައި އޮތުމަކީ ކޮމަންވެލްތު ގައުމުތަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުން އީޔޫއިން ވަކިވެއްޖެނަމަ ނަތީޖާ ގޯސްވެ، ކޮމަންވެލްތުގެ އެތައް ގައުމުތަކަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވި އެވެ.

އީޔޫއިން ވަކިވުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ނަގައި ވޯޓުގައި އީޔޫގައި އިނގިރޭސިވިލާތް ދެމި އޮތުމާ އެއްކޮޅަށް ވޯޓު ދިނުމަށް އެ ގައުމުގެ ރައްޔިތުންނަށް ނަޝީދު ގޮވާލައްވާފައިވެ އެވެ.