ކްރިމިނަލް ކޯޓް

އަލުން ހައްޔަރުކުރުމުން އިކްރާމުގެ ބަންދަށް ތިން ދުވަސް

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓަށްފަހު ފިލި ކަމަށް ތުހުމަތު ކުރެވޭ މ. ލޭންޑް އޮފް ގާޑަން، އިބްރާހީމް އިކްރާމް، ކޯޓު އަމުރެއްގެ ދަށުން މިނިވަންކޮށްފައި ވަނިކޮށް އޭނާ އަލުން ހައްޔަރުކުރުމުން އޭނާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ހައިކޯޓުން އިކްރާމް މިނިވަން ކުރީ އެކްސިޑެންޓަށްފަހު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އޭނާގެ ބަންދަށް މުއްދަތު ޖެހިއިރު ގާނޫނީ ވަކީލެއް ބޭނުންކުރުމުގެ ފުރުސަތު ނުދީ ބަންދުގެ މުއްދަތު ޖެހުމުންނެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ބަންދުގެ މުއްދަތު ޖެހުމުން އިކްރާމްގެ ފަރާތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމުން ދަށު ކޯޓުން އަމަލުކުރީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ މިމަހުގެ އެއްވަނަ ދުވަހު އޭނާ މިނިވަންކުރަން އަމުރުކޮށްފަ އެވެ. ފުލުހުން ދެވަނަ ފަހަރަށް ކޯޓު އަމުރެއް ހޯދައިގެން އަލުން އޭނާ ހައްޔަރު ކުރީވެސް ހައިކޯޓުން އޭނާ މިނިވަން ކުރި ދުވަހު އެވެ.

އިކްރާމް ދުއްވަން އިން ކާރު އެކްސިޑެންޓްވީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓްތައް ކައިރީގައި މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިބްރާހީމް އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް ފިލައިގެން އުޅެނިކޮށް އެކްސިޑެންޓް ހިނގި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.