ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޒުވާނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައިކަލް ދުއްވި ޒުވާނާ އަތުގައި ލައިސަންސެއް ނޯވެ އެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިން ކުރި މަސައްކަތުން އޭނާ އެއާ އެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ގެންދިއުމަށް މިހާރު ވަނީ އެހީ ލިބިފަ އެވެ.
އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.