ބޮލީވުޑް

ސަންޖޭ ދަތުގެ ލޯބިވެރިޔާގެ ގޮތުގައި ޝުރަދާ؟

Mar 16, 2016

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ޖަލުން މިނިވަންވިތާ ގިނަ ދުވަހެއް ނުވަނީސް އޭނާއަށް އަންނަނީ ފިލްމުތަކުން ފުރުސަތުތައް ލިބެމުންނެވެ. އެގޮތުން މިނިވަންވުމަށްފަހު ސަންޖޭ ވަނީ އޭނާ ފުރަތަމަ ކުޅޭ ފިލްމުގައި ސޮއިކޮށްފަ އެވެ.

އެންމެފުރަތަމަ ސަންޖޭ ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ ޑައިރެކްޓަރު ސިދާތް އަނަންދުގެ ފިލްމެކެވެ. މިއެކްޝަން ފިލްމުގައި ސަންޖޭ އާއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ޔަގީން ނުވި ނަމަވެސް، މިރޯލު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޒުވާން ބަތަލާ އަކަށެވެ.

މިފިލްމަކީ އުމުރުން ދުވަސްވީ މީހަކާ ޒުވާން ކުއްޖެއްގެ ދެމެދުގައި އޮންނަ ގުޅުން ފެނިގެންދާނެ ފިލްމަކަށްވީއިރު، ޑައިރެކްޓަރު ސިދާތް އާއި ސަންޖޭ ބޭނުވަނީ މިރޯލު އާލިއާ ބަޓް، ޕަރިނީތީ ޗޯޕްޅާ ނުވަތަ ޝްރަދާ ކަޕޫރު ކުޅޭށެވެ. މިތިން ބަތަލާއިންގެ ތެރެއިން އާލިއާ ޝާހްރުކް ޚާން އާއެކު ފިލްމެއް ކުޅެމުން އަންނައިރު ޕަރިނީތީ ވަރަށް އަވަހަށް "މެރީ ޕިޔާރީ ބިންދޫ"ގެ ޝޫޓިން ފަށާނެ އެވެ. އަދި ޝްރަދާ އެންމެފަހުން ކުޅުނު "ބާޣީ" އާއި "ރޮކް އޮން2"ގެ ޝޫޓިން ވަނީ ނިންމާފަ އެވެ.

އެހެންކަމުން މިތިން ބަތަލާއިންގެ ތެރެއިން ސަންޖޭ އާއެކު ފެނިގެންދާނެ ކަމަށް ލަފާކުރެވެނީ ޝްރަދާ އެވެ. ސަބަބަކީ ކުރިއަށް ކުޅުމަށް ޝްރަދާ އެއްވެސް ފިލްމެއްގައި ސޮއިކޮށްފައި ނުވުމެވެ.

މިފިލްމު ހަ ގައުމެއްގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާއިރު، ބަތަލާއެއްގެ ރޯލުން ފެނިގެންދާ ތަރިވެސް އެކްޝަން މަންޒަރުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

ސަންޖޭ އާއެކު ޝްރަދާ މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފިނަމަ، މިޖޯޑުވެސް ވެގެން ދަނީ ކަރީނާ އާއި އަރުޖުން އަދި އައިޝްވާރިޔާ އާއި ރަންބީރަށް ފަހު މުޅިން ތަފާތު ޖޯޑަކަށެވެ.

ސަންޖޭ ބޮލީވުޑަށް ތައާރަފުވި ފިލްމުގައި ވަނީ ޝްރަދާގެ ބައްޕަ ޝަކްތީ ކަޕޫރާއެކު ފެނިގެންގޮސްފަ އެވެ. ސަންޖޭ އެންމެފަހުން ފެނިގެންގޮސްފައިވަނީ 2014 ވަނަ އަހަރު ނިކުތް "ޕީކޭ" އިންނެވެ.