ކުޅިވަރު

ޔޫރޯ ކާމިޔާބުކުރުން ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެއްވަރު: ރޮނާލްޑޯ

ޕޯޗުގަލްގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔޫއެފާ ނޭޝަންސް ލީގް މެޗަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން، އޭނާގެ ގައުމަށް ޔޫރޯ ކާމިޔާބުކުރުމަކީ ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެއްވަރުގެ ކަމެއް ކަމުގައި ބުނެފަ އެވެ.

އުމުރުން 39 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރޮނާލްޑޯ ބުނީ އޭނާއާ ޕޯޗުގަލްއިން ބޭނުންވި މުހިއްމު ދެ ޓްރޮފީ ކާމިޔާބުކުރެވިފައި ކަމަށެވެ.

"އަހަރެން މިހާރު މޯޓިވޭޓް ވަނީ އެހެން ކަންކަމުން. އަހަރެން މޯޓިވޭޓް ވަނީ ފުޓްބޯޅަ ކުޅުމުގެ އުފަލުން. ރެކޯޑުތައް ވަނީ ގުދުރަތީ ގޮތުން އަންނަ އެއްޗަކަށް،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ 900 ގޯލް ޖެހުމަކީ އޭނާގެ ކެރިއަރުގައި ވަރަށް ހާއްސަ ވަގުތެއް ކަމަށެވެ.

"900 ގޯލަކީ އެހެން ކޮންމެ މައިލްސްޓޯނެއްހެން ހީވެދާނެ. އެކަމަކު 900 ގޯލް ޖެހުމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތުގެ ބުރަކަން އެނގޭނީ ހަމައެކަނި އަހަރެންނަށް،" އޭނާ ބުންޏެވެ.

ރޮނާލްޑޯ ބުނީ މިފަދަ އުމުރެއްގައި ކާމިޔާބީތައް ހޯދުމަށްޓަކައި ވަރަށް ބޮޑަށް ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، އެކަމަށް ވަރަށް ގިނަ ވަގުތުވެސް ހޭދަކުރަން ޖެހޭ ކަމަށެވެ.

"އެހެންވެ މިކަހަލަ ރެކޯޑުތައް ހާސިލުކުރެވޭއިރު އަހަރެން މިހާ އިމޯޝަނަލް ވަނީ،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕާއި ޔޫރޯ މުބާރާތް ހަމަހަމަކޮށް ރޮނާލްޑޯ ވާހަކަ ދައްކާފައިވާތީ މީޑިއާގައި އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ބައެއް މީހުން މިކަން ސިފަކުރަނީ ރޮނާލްޑޯގެ ވާދަވެރި ކުޅުންތެރިޔާ ލިއޮނަލް މެސީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާތީ އަދި ރޮނާލްޑޯއަށް ވޯލްޑް ކަޕްގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނުވާތީ އެތަށީގެ ޝަރަފު ކުޑަކުރަން މަސައްކަތް ކުރަނީ ކަމަށެވެ. އަދި ވޯލްޑް ކަޕާ އަޅައި ކިޔޭނެ އެހެން އެއްވެސް މުބާރާތެއް ނޯންނާނެ ކަމަށާއި އެއި ދުނިޔޭގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށް ބުނެ އެފަރާތްތަކުން ރޮނާލްޑޯ އަށް ރައްދު ދީފައިވެސް ވެއެވެ.