ހަބަރު

މާރުކޭޓު ސަރަހައްދުގައި ހިންގި މާރަމާރިއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މާލޭ ވަޅޯމަސް މާރުކޭޓް ސަރަހައްދުގައި އިއްޔެ ހިނގި މާރާމާރީ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވަޅޯމަސް މާރުކޭޓު ސަރަހައްދު ހުޅަނގު ފަރާތުގައި މާރާމާރީ ހިނގާފައިވަނީ އެސަރައްހަދުގައި އުޅުނު ދެ މީހެއްގެ މެދުގައި ކަމަށާއި އެމައްސަލާގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގައި އަނިޔާވެ އައިޖީއެމްއެޗް އިން ފަރުވާދެމުންދާ އުމުރުން 41 އަހަރުގެ ފިރިހެން މީހާއަކީވެސް މާރާމާރީ ހިންގުމުގައި ބައިވެރިވި މީހެއް ކަމަށް ފުލުހުން ބުންޏެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ މިއީ ބަޔަކު ނޫނީ މީހަކު ގަސްތުގައި އަނިޔާ ދިނުމުގެ ބަދަލުގައި، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހާ އާއި އެހެން މީހަކާ ދެމީހުން މާރާމާރީ ހިންގަމުންދަނިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާ މޫދަށް ވެއްޓުމުގެ ތެރޭގައި ނުވަތަ މޫދަށް ފުންމާލަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއް،" ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން ފަސް ދުވަހުގެ ބަންދުގެ މުއްދަތު ކޮންމެ މީހަކަށްވެސް ކްރިމިނަލް ކޯޓުން ވަނީ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.