އެފްއޭއެމް

ކުލަބުތަކުގެ ނިންމުން: ހަމަ އެންމެ ރަނގަޅު ނިންމުންތަ؟

ކުޅިވަރުގެ މައިދާނުގައި ފަހަކަށް އައިސް އެންމެ އަޑުހަރު މައުލޫއަކީ އެފްއޭއެމުގެ އިންތިހާބެވެ. ގައުމުގެ އެންމެ "ބާރުގަދަ" ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އެ މެމްބަރުން ވެސް ގައުމީ ފުޓްބޯޅަ އިދާރާގެ ގޮނޑި "ހޫނު" ކޮށްލަން ފަރިވެ ފޮޅެން ފެށުމުން މި އިންތިހާބު ކަވަރުކުރާ ނޫސްވެރިންނަށް މިވަނީ އެ ކިޒާތްޒާތުގެ ހަމަލާތައް އަމާޒުވެ އެވެ.

އެވާހަކަ ބާއްވާށެވެ. ނިކަން ރަނގަޅަށް ވިސްނާލާށެވެ. އެންމެ ފަހުން ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް ދެ ވޯޓު ލެވޭގޮތަށް ނިންމި ނިންމުމަކީ ހަމަ ރަނގަޅު ނިންމުމެއް ހެއްޔެވެ؟ އަސާސީ ގަވާއިދު ފާސްކޮށްފައިވާގޮތުން ދެންތިބި އެންމެނަށް ލެވެނީ އެއްވޯޓެވެ.

ނިއުރޭޑިއަންޓާއި، ވެލެންސިއާ އާއި ވިކްޓަރީގެ އިތުރުން މާޒިޔާ އާއި އީގަލްސް އަދި ބީޖީ އާއި ޓީސީ އަދި މިހާރު ޔުނައިޓެޑް ވިކްޓަރީ އަކީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކެވެ. މީގެ ތެރެއިން ނިއު، ވިކްޓަރީ، ވެލެންސިއާ އަކީ އެންމެ އިހުއްސުރެ ފުޓްބޯޅައިގެ ފޯރި ހިފަހައްޓައިދިން ކުލަބުތަކެވެ. ސަޕޯޓަރުން ވެސް ތިބީ އެތިން ކުލަބުގަ އެވެ. މިހެންވުމާއެކު ފުރަތަމަ ޑިވިޝަނަށް ހާއްސަކަމެއް އޮތުމަކީ އަބަދުވެސް އަޅުގަނޑު ވަރަށް ގަބޫލު ކަމެކެވެ.

އެކަމަކު އިންތިހާބެއްގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ދެ ވޯޓުލާން ފުރުސަތުދީ، ހުރިހާ ބާރެއް އެމީހުންނަށް ދޫކޮށްލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކުލަބާއި ތިން ވަނަ ޑިވިޝަނުން ދެ ކުލަބު ބައިވެރިވެގެން ބޭއްވި ކޮންގްރެސްގައި އެފްއޭއެމުގެ އިންތިހާބުގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް ދެ ވޯޓު ލެވޭގޮތަށް ނިންމީ ކީއްވެ ހެއްޔެވެ؟ އެއީ އެންމެ ފައިދާހުރި ގޮތް ހެއްޔެވެ؟ ފަހަތުގައި ފޮރުވިފައި ކަމެއް އެބައޮތްހެއްޔެވެ؟

ކޮންގްރެސް ބޭއްވިއިރު އެފްއޭއެމުގެ ވިސްނުމަކީ މިނިވަން50ގެ މުބާރާތުގައި ވާދަކުރި ކައުންސިލްތަކުގެ ޓީމުތަކަށް ވޯޓިން ރައިޓްސްދިނުމެވެ. އަދި އެނޫން އިންޓަރެސްޓް ގްރޫޕްތަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ދިނުމެވެ. ޖުމުލަކޮށް ބުނާނަމަ ވީހާ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމެވެ. އެކަމަކު މިއެންމެނަށް ވޯޓުލުމުގެ ފުރުސަތު ބަންދުކުރުމަށްފަހު މިހާރު ހުރިހާ ބާރެއް ދީފައިމިވަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދު ފާސްކުރަން އެންމެ ފުރަތަމަ ބޭއްވި ކޮންގްރެސްގައި ފުރަތަމަ ޑިވިޝަނަށް ބާރުތަކެއް އޮންނަން ޖެހޭ ކަމަށް ވަކާލާތުކުރީ ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ. ރާއްޖޭގެ ފުޓްބޯޅަ ދައުރުވަމުން އައި ގޮތަށް ބަލާއިރު އޭނާގެ މި ހުށަހެޅުމަކީ ރަނގަޅު ހުށަހެޅުމެއް ކަމަށް ފީފާއިން ވެސް އެއްބަސްވި އެވެ. އަދި ފުރަތަމަ ޑިވިޝަނަށް ދެ ވޯޓު ލުމުގެ ފުރުސަތުދޭން ފީފާއިން ތާއިދު ވެސް ކުރި އެވެ. އެކަމަކު އެއީ ޝަރުތުތަކަކާއެކުގަ އެވެ. އެއީ އަތޮޅުތެރޭގެ ޓީމުތަކަށާއި އިންޓަރެސްޓް ގްރޫޕްތަކަށް (އަސާސީ ގަވާއިދުގެ ދަށުން އުފައްދާ އެސޯސިއޭޝަންތަކާއި އަންހެން މެމްބަރުންނަށް) ވޯޓުލުމުގެ ފުރުސަތު ދޭގޮތަށެވެ. ކުރުކޮށް ބުނާނަމަ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަށް ދެ ވޯޓު ލުމުގެ ފުރުސަތުދޭން ފީފާއިން އެއްބަސްވީ މުޅި ޖުމުލަ 44 ކުލަބަށް ވޯޓުލުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.

ތަންކޮޅެއް ކުރިއަށް ވެސް ޖެހިލާށެވެ. އެފްއޭއެމުގެ އެންމެ ފުރަތަމަ އިންތިހާބު ބޭއްވީ 2008 ވަނަ އަހަރު އެވެ. ފީފާގެ އޮފިޝަލުންނާއެކު އޭއެފްސީގެ އެއިރުގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ޕޯލްމަނީ ރާއްޖެ ވަޑައިގެން ބޭއްވި އިންތިހާބަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ މިހެންނެވެ. ކުރިމަގުގައި ވޯޓުލާ ކުލަބުތަކުގެ އަދަދު އިތުރުކުރަންޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެންމެ 13 ކުލަބު ވޯޓުލުމަކީ ރާއްޖޭގައި ފުޓްބޯޅަ ކުޅޭ ހުރިހާ ކުލަބަކަށް ފުރުސަތު ގެއްލުން ކަމަށާއި އަދި މިހާރު އޮތްގޮތުން އެންމެ ހަތް ވޯޓު "ގަނެގެން" އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތުން ކަމަށެވެ.

އޭނާގެ މިވާހަކަ އަކީ ވަރަށް ބޮޑު ތެދެކެވެ. އެންމެ ފަހުން ބޭއްވި އެފްއޭއެމުގެ ދެ އިންތިހާބުގައި ވެސް ވޯޓުގަތުމުގެ ކުޅިވަރު ވަރަށްބޮޑަށް އޮތެވެ. އެކަން ފަހިވީ އެންމެ 13 ކުލަބު ވޯޓުލާއިރު ހަތް ވޯޓުން އިންތިހާބު ކާމިޔާބު ކުރެވޭތީ އެވެ. އެކަމަކު މިއަދަދު އިތުރުކޮށްފިނަމަ އިންތިހާބުން ފައިސާގެ ކުޅިވަރު ވަރަށް ބޮޑަށް ދުއްވާލެވޭނެ އެވެ. ނަމަވެސް މިހާރު އޮތްގޮތުންނަމަ އެންމެ 21 ކުލަބުން 27 ވޯޓުލާއިރު ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް 16 ވޯޓުލުމުގެ ފުރުސަތު ދިނުމަކީ ބޭސިކް ޑިމޮކްރަސީއާ ވެސް ހިލާފު ކަމެއްނޫންތޯ އެވެ؟