މޯލްޑިވްސް ޕޮލިސް ސާވިސް

ގާނޫނާ ހިލާފު ކަންތައްތައް ކުރަމުންދިޔަ ގިނަ އަދަދެއްގެ ޓެލެގްރާމް ޗެނަލް ހުއްޓުވައިފި

ގާނޫނާ ހިލާފު ކަންތައްތައް ކުރުމަށް ޓެލެގްރާމްގައި ހިންގަމުންދިޔަ ގިނަ އަދަދެއްގެ ޗެނަލް ހުއްޓުވައިފި އެވެ.

އެނގިފައިވާ ގޮތުގައި ފުޅާ ދާއިރާއެއްގައި އޮރިޔާން ކާޑާއި ގާނޫނާ ހިލާފު ކަންތައް ކުރަމުންދިޔަ ޗެނަލްތަކެއް ފުލުހުންގެ ސައިބާ ކްރައިމް އިން ވަނީ ހުއްޓުވާފަ އެވެ.

މި ގޮތުން 500 ޗެނަލް ހުއްޓުވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލަތަކުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ބޮޑެތި ކުށްތައް ހިންގުމަށް ޓެލެގްރާމްގައި ޗެނަލްތަކެއް ހަދައިގެން ހިންގި މައްސަލައެއްގައި މީގެ ކުރިންވެސް ބަޔަކު ހައްޔަރުކޮށް އެ ޗެނަލްތައް ހުއްޓުވައިފައިވެ އެވެ.

އެ ގޮތުން "ޖަޒީރާ" ގެ ނަމުގައި ޓެލެގްރާމް ޗެނަލްގެ މައްސަލައިގައި ބަޔަކު ހައްޔަރުކުރި އެވެ. އަދި ޗެނަލްގެ މައްސަލައިގައި ތުހުމަތުވާ ވަރަށް ގިނަ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.