މޯލްޑިވްސް ޕޮލިސް ސާވިސް

ބަރަހަނާ ފޮޓޯ ހިމެނޭ ޓެލެގްރާމް ޗެނަލްތައް ހިންގި މީހުންގެ ވަނަވަރު ހާމަކޮށްފި

ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވިޑީއޯ ހިއްސާކޮށް މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތައް ހިންގާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45އ) އާއި ދަފްތަރު ނަންބަރު ރސ. 14751، ކ. މާލެ، ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާއީލް ޒަބީހް (29އ) އެވެ.

ފުލުހުން ބުނި ގޮތުގައި ޒުބައިރު އަލީ އާއި ނާސިފް އަލީ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ.

އިސްމާއީލް ޒަބީހް ހައްޔަރުކޮށްފައިވަނީ އޮގަސްޓް 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.

އެ ޓެލެގްރާމް ޗެނަލްތައް ހުއްޓުވާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވެ އެވެ. އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވެ އެވެ.

އޭގެ އިތުރުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެ އެވެ.

މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ހިމެނޭ ކަމަށާއި މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވެ އެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.