ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ.

ކާލް އިސްތިއުފާ ދެއްވާފައި މިވަނީ ބީއެމްއެލްއާއި އެމްޑީޕީގެ ބައެއް ބޭފުޅުން އެއްވެގެން މާލީ ބަގާވާތެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ.

ބީއެމްއެލް އިން ބުނީ ސީއީއޯގެ މަގާމުން ކާލް އިސްތިއުފާ ދެއްވި ނަމަވެސް އެ ކުންފުނިން ބާއްވާ އާންމު ޖަލްސާ ނިމުމާ ހަމައަށް އެ މަގާމުގައި އޭނާ ދެމިހުންނަވާނެ ކަމަށެވެ.

ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެ ބޭންކުން ބުނެ އެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރުމާ ހަމައަށް ސީއީއޯގެ މަގާމު ފުރައްވާނީ ޑެޕިއުޓީ ސީއީއޯ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ މަގާމުގައި ހުންނެވި އާއިޝަތު ނޫރައްދީން ވެސް ވަނީ މިދިޔަ މަހު ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ޑެޕިއުޓީ ސީއީއޯގެ މަގާމު އަދިވެސް އޭނާ އަދާކުރައްވަ އެވެ.

ކާލް ސްޓުމްކަ ސީއީއޯގެ މަގާމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.