މޯލްޑިވިއަން އައިޑޮލް

ރޮކްސްޓާ މުއައްޒިންއަށް ގަދަ ފަހަކަށް ނުދެވުނު

  • މުއައްޒިން ކަޓައިގެން ދިޔުމުން ބައިވެރިންގެ އަދަދު ފަހަކަށް މަދުވީ
  • މިރޭގެ ޝޯގައި މާއިން އަދި ތޮލާ ފެނިގެން ދިޔަ
  • ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވީ ޒޫނާ

މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ހަތްވަނަ ޝޯއިން ލަވަކިޔުންތެރިޔާ މުއައްޒިން ކަޓައިފި އެވެ. މުއައްޒިން ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

އިއްޔެ ރޭ މުއައްޒިން ހުށަހަޅައިދީފައިވާ "ހަނދާ" މި ވަލަ އެވެ. ދިވެހިންގެ މެދުގަިއ ބޮޑު މަޝްހޫރު ކަމެއް ހޯދި މި ލަވަ މުއައްޒިން އިހުތިޔާރުކުރީ އޭނާގެ އޮރިޖިނަލް ސްޓައިލް ކަމަށްވާ ރޮކްސްޓާ އަލުން ދައްކާލުމަށެވެ. ނަމަވެސް މުއައްޒިންއަށް އެކަން ރޭ އެހާ ބޮޑަށް ކާމިޔާބުވެފަ އެއް ނުވެ އެވެ. ޖަޖުންގެ ފަރާތުން މުއައްޒިންއަށް ލިބުނީ މާއެދެވޭ ކޮމެންޓްތަކެއް ނޫނެވެ. ނަގާފައިވާ ލަވަ ކަމުނުދާ ކަމަށް ވެސް ޖަޖުން ވަނީ ބުނެފަ އެވެ.

މިރޭ މުއައްޒިން ލަވަ ހުށަހަޅައިދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މާއިންއާއެކުގަ އެވެ.

"މި މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ އަޅުގަނޑު ބޭނުންވޭ ފިކުރީ މުދާ ވިއްކައިގެން ޕްރޮޓެކްޓްކުރުމުގެ ކަލްޗާއެއް ރާއްޖޭގައި އުފެއްދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޑްރީމްއެއް. ފިއުޗާ ފެންނަނީ ވަރަށް ބޮޑުކޮށް. ހަމަ ސުޕަސްޓާރެއްގެ ގޮތުގައި ފެންނަނީ. އެގޮތަށް ވިސްނީމަކަން ނޭނގެ ރަނގަޅުވާނީ ވެސް. ދެން އެއްގޮތަކަށް ވެސް ފޮނިވަނީކީއެއް ނޫން،" މީގެކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި މުއައްޒިން ބުނެފައިވެ އެވެ.

މޯލިވިއަން އައިޑޮލް "ހޫނު" ގަދަވެފައިވާއިރު ބެލުންތެރިން އިތުރަށް ނޭވާ ހިފާޓާލާނެ ފަދަ ކަން ކަން ކުރިޔަށް އޮތް ކަމަށް ޕީއެސްއެމް އިން ބުނެ އެވެ. މިހާރުވެސް ގިނަ ދިވެހިންގެ ހިތް އަތުލާފައި ތިބި ފަސް ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިޔެއް ކަޓާގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި ކުރިއަށް ހުރި އެޕިސޯޑުތަކުން ފެންނާނެ އެވެ. އެގޮތުން މި ހަފުތާގައި ގެސްޓް ޖަޖުންގެ ގޮތުގައި އަންދަލާ ހަލީމާއި ޒޫނާ ވަނީ ފެނިގެން ގޮސްފަ އެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ގާލާ ރައުންޑްގެ އަށްވަނަ ޝޯ ދައްކާނެއިރު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ޝޯ ފެށުމާއެކު ހުޅުވިގެންދާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.