މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއުމާއި ނިދުން ހަމަޖައްސާނަމަ ފިޔަވަޅު އަޅަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި ނިދުން ހަމަޖައްސައިދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން އާންމު ސިއްހަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި ނިދުމުގެ ކަންކަން ހަމަޖައްސައިދޭ މީހުންނާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އަޅާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާއަކީ އެ ގާނޫނުގެ ކުށާއި އަދަބުތައް ބަޔާންކުރާ މާއްދާ އެވެ.

އެ ގޮތުން އެ ގާނޫނާ ހިލާފުވަނީ ދިވެއްސެއް ނަމަ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަށް ދީފައިވެ އެވެ.

އެ ގާނޫނާ ހިލާފުވަނީ ބިދޭސީއަކު ނަމަ 15،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. މީގެއިތުރުން އެމީހަކު ވަކިމުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަށް ދީފައިވެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.