މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ ތިންވަނަ ޝޯ ރޭ ނިމުނު އިރު މުޅި ރާއްޖެއަށް މިއޮތީ ހިތާމަވެރިކަން ކުރިމަތިވެފަ ކަހަލަ އެވެ. އެތައް އަންހެން ކުދިންނެއްގެ ހިތްތައް ކުދިކުދި ކޮށްލުމަށްފަހު މޯލްޑިވިއަން އައިޑޮލްގެ އެންމެ މަޝްހޫރު އަދި އެ އަޑެއްގެ ޖާދޫގައި ގިނަބަޔަކު ޖެހިފައިވާ ކ. މާފުއްޓަށް އުފަން ލަވަކިޔުންތެރިޔާ އަހުމަދު ނަޒީހް ނުވަތަ ރާޅު ބޯއީ ކަޓައިގެން ދިޔައީ އެވެ.
މި ޝޯއިން ދެން ނަޒީހު ފެނިގެންނުދާނެ އެވެ. ރޭގެ ޝޯ އިން ނަޒީހު މުބާރާތާއި ވަކިވިކަން އިއުލާނު ކުރުމާއެކު ހައިރާންވެ ހިތް ކުދިކުދިވެގެން ހޭނެތިގެން އެތައް ބަޔަކު ވެއްޓުނު ނަމަވެސް ނަޒީހުއަކަށް މީ ހައިރާން ކުރުވަނިވި ހަބަރެއް ނޫނެވެ. ނަޒީހު ގިވް އަޕް ކުރީކީ ނޫނެވެ. އަދި އުއްމީދު ކަނޑާލީކީވެސް ނޫނެވެ.
"މިރޭގެ ޝޯ އިން ކަޓާނެ ކަމަށް ކޮންމެސް ވަރަކަށް އުއްމީދުކުރިން ކަންނޭގެ. ފުރަތަމަ ރޭ ބޮޓަމް 3 އަށް ދިޔައީމަވެސް ހިތަކަށް ނާރާ ކަޓާނެއެކޭ. ދެވަނަ ރޭ ދިޔައީމަ ޝައްކުވި. ދެން މިރޭ ދިޔައީމަ ޔަގީންވި،" ރޭގެ ޝޯ ނިންމާލުމަށްފަހު އަވަސް އާ ވާހަކަ ދައްކަމުން ވަރަށް ހަމަޖެހިލާފަ ނަޒީހު ބުންޏެވެ.
ނަޒީހު މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ހޮވުމާއެކު އުއްމީދު ކުރީ ރޭގެ ޝޯއިން މުބާރާތާ ވަކިވާކަށް ނޫނެވެ. އޭނާ އުއްމީދު ކުރީ ޓޮޕް 5 އަށް ދާނެ ކަމަށެވެ. އެހެން ނަމަވެސް ޖަޖުން އަދި ބެލުންތެރިންގެ ނިންމުން ނަޒީހު ބަލައިގަތީ ހިނިތުންވެ ހުރެ ހެޔޮ ހިތަކައިގެންނެވެ.
އޭނާ އަކީ ލަވަކިޔުމުގެ ދާއިރާއަށް އާ ޒުވާނަކަށް ވުމުން މިއީ ހަމަ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އޭނާ ސިފަ ކުރެ އެވެ. މި ފެންވަރުގައި އޭނާ އެ ޕާފޯމްކުރަނީ މުޅިން އަލަށެވެ. އަދި މިއީ އިހަކަށް ދުވަހު ލަވަކިޔަން ފެށި ޒުވާނެކެވެ.
"އެންމެ ފުރަތަމަ ކޮންމެ މީހަކު ވެސް ފަށާހެން ފާޚާނާ ސްޓޫޑިއޯގައި އަޅުގަނޑު ވެސް ފެށީ،" މީގެކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުންޏެވެ.
އޭނާ ބުނީ ރަށުގައި އޮންނަ ބޮޑުބެރު ގްރޫޕަކާއި ބޭބެ އުޅޭ ބޮޑުބެރު ގްރޫޕެއްގެ ނުފޫޒު ބޮޑުވެ ލަވަކިޔުމުގެ ތެރެއަށް ވަދެވުނީ 2014 ވަނަ އަހަރު ކަމަށެވެ. އޭގެ ކުރިން އޭނާގެ ހަޔާތުގައި ލަވަ އާއި މިއުޒިކްގެ މާ ގިނަ ރާގުތަކެއް ކުޅެފައެއް ނުވެ އެވެ.
"އަސްލު ނަޒީހު ވޯކަލީ އެހާ މޮޅެއް ނޫން. އެހެން ކޮންޓެސްޓުންނާ ބަލާފަ ނަޒީހު ގަބޫލުކުރާ ގޮތުގައި ނަޒީހު އެހާ މޮޅެއް ނޫން. އެކަމަކު ކުރިއަށް ތަނުގައި އިރާދަކުރެއްވިއްޔާ ވަރަށް މޮޅުވާނެ. އިރާދަކުރެއްވިއްޔާ ރާއްޖެ އެންމެން ބަލައިގަންނަ މިޔުޒިޝަނަކަށް އަޅުގަނޑު ވާނަން." ނަޒީހު ބުންޏެވެ.
ނަޒީހު މުބާރާތާއި ވަކިވެގެން ދިޔައީ ބެލުންތެރިންނަށް އުފާވެރި ހަބަރެއްވެސް ދީފަ އެވެ. އެއީ ވަރަށަ އަވަހަށް އޭނާގެ ލަވައެއް އަޑުއިވިގެންދާނެ ކަމުގެ ހަބަރެވެ. ހިތް ކުދިކުދިވެފައި ތިބި އަންހެން ކުދިންނަށް މިއީ އުފާވެރިކަމުން ފުރިގެންވީ ހަބަރެކެވެ.
އިއްޔެ ރޭ ނަޒީހް ހުށަހަޅައިދިނީ "ދެރިޔާ" އެންމެ އަސަރުގަދަ އެއް ލަވަ ކަމަށްވާ "މަގެ ލޯބި ދަރިފުޅާ" އެވެ. ނަޒީހް މި ލަވައަށް ޖަޖުންގެ ފަރާތުން ލިބުނީ އެހާ އެދެވޭ ކޮމެންޓްތަކެއް ނޫނެވެ. ނަމަވެސް ނަޒީހް ކުރިއަރަމުން އަންނަކަން ތިން ޖަޖުން ވެސް ފާހަގަކުރި އެވެ. ރޭ ނަޒީހް ލަވަ ހުށަހަޅައިދީފައިވަނީ ފާތިމަތު އަޒްލީމާއާއެކު އެވެ. ހުށަހަޅައިދިނީ "ބުނެބަލަ ލަދުގަނެފަ އެރޭ" މި ލަވަ އެވެ.
ނަޒީހަށް އިހްސާސްވަނީ މިހެންނެވެ. އޭނާ ބުނީ މިހާ ހިސާބަށް އާދެވުމަކީ ޝޯ ކާމިޔާބުކުރެވުން ކަހަލަ ކަމެއް ކަމަށެވެ. އަދި ލަވަކިޔުމާ ދުރަކަށް ދެން ދުވަހަކު ވެސް ނުދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް ވިންވެފައި މި އޮތީ މި ކޮމްޕެޓިޝަން. ޓޮޕް 12 އަށް ދެވުނީމަ. ގާލާ ރައުންޑަށް. އެހެންވީމަ ވަރަށް މަސައްކަތުން މިހާ ހިސާބަށް ވެސް މި އާދެވުނީ. މިހާރު އަޅުގަނޑުގެ ފޭން ބޭސްއެއް އެބައޮތް. އެހެންވީމަ ވާހަކަ އަކީ މީގެ އިން ކެޓިޔަސް އަޅުގަނޑުގެ މިއުޒިކް ލައިފް ނިމުނީކީއެއް ނޫން. އަޅުގަނޑުގެ ލަވަތައް އަޑުއަހަން ގިނަ ބަޔަކު ތިބޭނެދޯ،" ނަޒީހު ބުންޏެވެ.
"ކެޓިޔަސް މިއުޒިކް ކެރިއާއަށް މި އޮތީ ބޫސްޓެއް ލިބިފައި މޯލްޑިވިއަން އައިޑޮލްގެ ސަބަބުން."
ނަޒީހް އަވަސް އަށް ދިން އިންޓަވިއު ނިންމާލީ އޭނާއަށް އެސްއެމްއެސްކޮށް ސަޕޯޓުކުރި ހުރިހާ އެންމެނަށް ޝުކުރު އަދާކުރަމުންނެވެ. އެހުރިހާ އެންމެން ދެކެ ލޯބިވާކަމަށް ބުނަމުންނެވެ.