ބޭރު ކުޅިވަރު

ނޯވިޗާ އެއްވަރުގެ ސިޓީ އަށް ތަށީގެ އުއްމީދު ފަނޑުވެއްޖެ

ނޯވިޗް ސިޓިއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުން މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރެމިއާ ލީގު ހޯދަން ކުރާ އުއްމީދު ފަނޑުވެއްޖެ އެވެ.

މި މެޗު އެއްވަރުވުމުން ސިޓީ އޮތީ 51 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރުވަނާގަ އެވެ. މިއީ އެއްވަނާގައިވާ ލެސްޓާ ސިޓީއަށްވުރެ ނުވަ ޕޮއިންޓް މަދު އަދަދެކެވެ. ސީޒަނުގައި މިހާރު ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ނުވަ މެޗެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ ވަރަށް ވަރުގަދައަށް ކުޅެން މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ނުކުރެވުނީ ކަމަށެވެ. އަދި ލީގު ނިމެންދާއިރު ގެއްލޭ ކޮންމެ ޕޮއިންޓަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"ނަމަވެސް އަހަރުމެން ވިސްނަންޖެހެނީ އަބަދުވެސް ޕޮޒިޓިވްކޮށް. އެއީ އެންމެ މުހިންމު ކަމަކީ. މިކަހަލަ ކިތަންމެ ނަތީޖާއެއް ނުކުންނާނެ. އަހަރުމެން އެކަމަށް ވިސްނައިގެން ކުރިއަށް ހުރި މެޗުތަކަށް ނުކުތުން އެންމެ ރަނގަޅު ގޮތަކީ،" މި ސީޒަނަށް ފަހު ސިޓީއާ ވަކިވާ ކޯޗު ބުންޏެވެ.