އެވަޓަން އަތުން 2-0އިން ބަލިވެ އިނގިރޭސި އެފްއޭކަޕުން ޗެލްސީ ރޭ ކެޓި މެޗުގައި ގެރެތް ބެރީގެ ކަރުގައި ޗެލްސީގެ ޑިއެގޯ ކޯސްޓާ ދަތްއެޅި ކަމަށް ބަލައި ރެފްރީ އޭނާ ދަނޑުން ފޮނުވާލައިފި އެވެ.
ނަމަވެސް މެޗަށް ފަހު ޗެލްސީގެ ކޯޗު ގުސް ހިޑިންކް ބުނީ އޭނާ އަށް އެ މަންޒަރު ސާފުކޮށް ފެނިފައިނުވާތީވެ ވަކި އެއްޗެއް ބުނެވެން ނެތްކަމަށެވެ.
"އަހަރެންނަށް ވަރަށް އުނދަގޫ އޭނާ އެކަން ކުރި ކަމަށް އާނއެކޭ ވެސްނުވަތަ ނޫނެކޭ ވެސް ބުނެވޭކަށް. އަހަރެން ބޭނުންވި އޭނާ ރެސްޓް ކުރުވަންވެސް. އެކަމަކު މިއީ އޭނާ އަރާމުކުރަން ބައިންދާފައި ކުޅެވޭކަހަލަ މެޗެއްނޫން. މިހެންވެ އެރުވީ ވެސް،" ހިޑިންކް ބުންޏެވެ.
ދެ ކުޅުންތެރިންގެ ހޫނުވެ ކޯސްޓާ ބެރީއާ ދިމާކޮށްލި މަންޒަރަށް އިޝާރާތްކޮށް އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ކޯސްޓާ ދަނޑުން ފޮނުވާލަން ޖެހޭ ކަމަށެވެ. އަދި ބެރީ އަށް ދެއްކި ރާތްކާޑު ވެސް ރަނގަޅު ކަމަށެވެ.
ރޭގެ މެޗުގައި އެވަޓަންގެ ދެ ގޯލު ވެސް ޖަހައިދިނީ ޗެލްސީގެ ކުރީގެ ފޯވަޑް ރޮމެލޫ ލުކާކޫ އެވެ.
އެފްއޭކަޕުން ކަޓާފައިވާތީވެ މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ހުރިހާ އުއްމީދެއް ޗެލްސީ އަށް ވަނީ ގެއްލިފަ އެވެ.