އެމެރިކާގައި ނޮމެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ ބާރުގަދަ ދެ ކެންޑިޑޭޓް -- ކަމަލާ ހެރިސް އާއި ޑޮނަލްޑް ޑްރަމް ވާދަކުރައްވާ ރިޔާސީ ބަހުސެއް މިރޭ އޮންނާނެ އެވެ.
ޑޮނަލްޑް ޓްރަމްޕް އަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އޭނާ ވަނީ މީގެ ކުރިން އެމެރިކާގެ ރައީސްގެ މަގާމު ހަތަރު އަހަރު -- އެއްދައުރު ފުރިހަމަކުރައްވާފަ އެވެ. އޭނާ މިފަހަރު ވާދަކުރައްވަނީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ގާނޫންއަސާސީ ލިބިދޭ ދެވަނަ ދައުރަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކީ ކަމަލާ ހެރިސް އެވެ. އޭނާ އަކީ މިހާރުގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ ނައިބު ރައީސް އެވެ. ކަމަލައަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޖޯ ބައިޑަން އިންތިޚާބު ދޫކޮށްލެއްވުމުންނެވެ.
ޓްރަމްޕާއި ކަމަލާ ރިޔާސީ ބަހުސަށް ނުކުމެ ވަޑައިގަންނަވާއިރު، އިންތިޚާބަށް ދެމަސް ވެސް ނެތެވެ.
މި ބަހުސް އިންތިޒާމްކުރަނީ އެމެރިކާގެ އޭބީސީ ނިއުސްއިންނެވެ. ބަހުސްގެ ރިޔާސަތަކީ ޑޭވިޑް މިއޯ އާއި ލިންސޭ ޑޭވިސް އެެވެ. މި ބަހުސް 90 މިނެޓަށް ދިގުދެމިގެންދާނެ އެވެ.
ބަހުސް ކުރިއަށް ދާއިރު އަޑުއަހަން ހޯލުގައި އެއްވެސް ބަޔަކު ނުތިބޭނެ އެވެ. އެކަމަކު ޗެނަލްތަކުން ވަގުތުން ދައްކާނެ އެވެ.
ބަހުސްގައި ބައިވެރިވާ ދެ ކެންޑިޑޭޓުން ކުރެ އެކަކަށް ވެސް ކުރިން ނޯޓުކޮށްފައި ހުރި އެކައްޗެއްވެސް ހޯލަކަށް ނުވެއްދޭނެ އެވެ. އަދި ބަހުސްގެ އެއްވެސް ހިސާބަކުން ކެންޑިޑޭޓުންގެ އެހީތެރިއަކާ ވާހަކަދައްކައި ޚިޔާލު ބަދަލެއް ނުކުރެވޭނެ އެވެ.
ބަހުސް ފެށުމުގެ ކުރިން ތައާރަފުވުމަށް އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އެކަމަކު ބަހުސް ނިންމާލުމުގެ ކުރިން އަމިއްލަ ޚިޔާލެއް އޮތް ނަމަ ދެ މިނެޓުގެ ފުރުސަތެއް ދެވޭނެ އެވެ.
މި ބަހުސްގައި ދެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ހަމަލާދޭނެ އެވެ. ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު އަމަލުކުރައްވާނެ ސިޔާސަތާ ބެހޭ ގޮތުން ވާހަކަދައްކަވާނެ އެވެ.
ޑޮނަލްޑް ޓްރަމްޕް އަކީ ރައީސްކަމުގެ އެއް ދައުރު ފުރިހަމަކުރައްވާފައި ހުންނެވި ކެންޑިޑޭޓަކަށް ވާތީ އޭނާގެ ޒައާމަތުގައި އެމެރިކާ ތަޖުރިބާކުރި ވާހަކަތައް ކަހަލާ ހުށަހަޅުއްވާނެ އެވެ. އަދި ޓްރަމްޕް ފޭލިވެވަޑައިގެންފައި ހުރި ނުކުތާތަކުން ކުރި ހޯއްދެވޭތޯ ކަމަލާ މަސައްކަތްކުރައްވާނެ އެވެ.
ޖޯ ބައިޑަންގެ ބައިވެރިއެއްގެ ގޮތުގައި އެއް ސިޔާސަތެއް ގަބޫލުކުރައްވައި ނައިބު ރައީސްގެ މަގާމުގައި ކަމަލާ ހުންނެވުމުން ޓްރަމްޕަށް ދޭހަވެވަޑައިގަންނަވާ ނުކުތާތަކުން ކަމަލާ ބަލިކުރެވޭތޯ ޓްރަމްޕް މަސައްކަތްކުރައްވާނެ އެވެ.
ކޮންމެ ގޮތަކަށް ބަހުސް ދިޔަ ނަމަވެސް، މިރޭގެ ބަހުސްގައި ހުތުރު ބަސްތައް ދެ ކެންޑިޑޭޓުން ވެސް ބޭނުންކުރައްވާނެ އެވެ.