ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ބިދޭސީން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައިފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން އިމިގްރޭޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަކި ތަންތަނަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ފެށި އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް މިފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އެ ގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައިދޭ ފަރާތްތަކާއިމެދު އިމިގްރޭޝަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާޢި ރައްކާތެރިކަން ކަށަވަރުކޮށްދީ ގަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.