ބޭރު ކުޅިވަރު

ވެންޑަސާ އަލުން ކުޅެން ފަށައި ޕެނަލްޓީއެއް މަތަކޮށްފި

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކީޕަރު އެޑްވިން ވެންޑަސާ އުމުރުން 45ގައި އަލުން ކުޅެން ފަށައި ޕެނަލްޓީ އެއް މަތަކޮށްފި އެވެ.

ވެންޑަސާ ކުޅެން ނުކުތީ ނެދަލޭންޑްސްގެ ހަތަރުވަނަ ޑިވިޝަނުގެ ނޫޑްވިކަށެވެ. މި ކުލަބަކީ އޭނާ އެންމެ ކުޑައިރު ކުޅުނު ކުލަބެވެ. މި މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.

ނެދަލޭންޑްސްގެ އަޔެކްސް އަށް ބަދަލުވުމުގެ ކުރިން ވެންޑަސާ ވަނީ މި ކުލަބުގައި ފަސް އަހަރު ކުޅެފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ފުޓްބޯޅައިން ރިޓަޔާކުރި ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އަލުން އަންގި ލެއްވީ ނޫޑްވިކްގެ އެއްވަނަ ކީޕަރު އިންޖަރީވުމުން ދެން އިތުރު ކީޕަރަކު ނެތުމުން، އެކުލަބުން އޭނާގެ އެހީ އަށް އެދުމުންނެވެ.

އަޔެކްސް އާއި މެންޗެސްޓާ ޔުނައިޓެޑުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ވެންޑަސާއަކީ އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސިވިލާތުގެ ފުލަމް އަށް ވެސް ކުޅެފައިވާ މޮޅު ކީޕަރެކެވެ. އޭނާ ވަނީ ނެދަލޭންޑްސްގެ ގައުމީ ކެޕްޓަންކަންކޮށް، ގައުމީ ޓީމަށް 130 މެޗު ވެސް ކުޅެދީފަ އެވެ.

ނޫޑްވިކްގެ ޓެކްނިކަލް ޑައިރެކްޓަރު ބުނީ އެމީހުން ކުރިން އުއްމީދުކުރީ ވެންޑަސާ ކުޅޭނީ އެންމެ މެޗެއް ކަމަށެވެ. ނަމަވެސް އޭނާއާއެކު ދެކެވުނު ވާހަކަތަކަށް ފަހު އަންނަ ހޮނިހިރު ދުވަހު ޖޯޑަން ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ގޯލު ބަލަހައްޓަން ވެންޑަސާ އެއްބަސްވެފައިވާ ކަމަށެވެ.