ރާއްޖެ ކުޅިވަރު

ރާއްޖެއިން ދެއްކީ ގަދަ ހިތްވަރެއް، ޗެމްޕިއަންކަން ކިރްގިސްތާނަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން އިންތިޒާމުކޮށްގެން ބޭއްވި އަންހެނުންގެ ވޮލީބޯލް ޗެލެންޖު ކަޕުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ރާއްޖެ އާއި ކިރްގިސްތާން އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެކެވެ.

ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރި އެވެ. ތިންވަނަ ސެޓު އަނެއްކާވެސް ކިރްގިސްތާނަށް ލިބުނު ނަމަވެސް ހަތަރުވަނަ ސެޓުގައި ދިވެހި ޓީމުން އިއާދަކުރި ހިތްވަރާއެކު އެ ސެޓު ކާމިޔާބުކުރި އެވެ.

މެޗު 2-2 އަށް އެއްވަރުވުމާ ގުޅިގެން، ނަތީޖާ ނެރުމަށް ފަސްވަނަ ސެޓެއް ކުޅެންޖެހުނެވެ. އެންމެ ފަހު ސެޓުގައިވެސް ދެ ޓީމުން ދެއްކީ ވަރަށް ފޯރިގަދަ ކުޅުމެކެވެ. ނަމަވެސް ފަހު ވަގުތުތަކުގައި ކިރްގިސްތާނުން ކުރިއަރައިގެން ގޮސް، 15-9ގެ ނަތީޖާއަކުން ފަހު ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.

މިއަދު ހަވީރު ތިންވަނަ ހޮވުމަށް ބެއްވި މެޗުގައި އަފްގާނިސްތާން އަދި ތަޖިކިސްތާން ވާދަކުރި މެޗު ކާމިޔާބުކުރީ ތަޖިކިސްތާން އެވެ. އެއާއެކު މުބާރާތުގެ ތިންވަނަ ޓީމަކަށް ތަޖިކިސްތާން ވެގެން ގޮސްފައި ވެއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނަށް ލިބުނު ނަމަވެސް ދިވެހި ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަކީ ފާހަގަކޮށްލެވޭ ކުޅުމެކެވެ. ވަކިން ހާއްސަކޮށް މެޗުގެ ފަހު ވަގުތުތަކާ ހަމައަށްވެސް ދިވެހި ޓީމުން ދެއްކީ ތައުރީފް ހައްގު ކުޅުމެކެވެ.