އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ މީހަކު ގެއަކަށް ވައްދައި ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ތުހުމަތު ކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ ފޭރުމުގެ ކުށާއި އެހެނިހެން ކުށްތަކުގެ ރެކޯޑް އޮތް މީހެކެވެ.
ބަންދު އަމުރުގައިވާ ގޮތުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އާއި މައްސަލަ ހުށަހެޅި މީހާ ދިމާވީ ޖުމްހޫރީ މައިދާން ކައިރިންނެވެ. އަދި އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ އޭނާ ގޮވައިގެން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދިޔައީ ފިނިހިޔާ ގޯޅީގައި ހުރި ގެއަކަށް ކަމަށް ހާދިސާ ރިޕޯޓުން އެނގޭ ކަމަށް ބަންދު އަމުރުގައިވެ އެވެ.
އެ ގެއަކަށް ވައްދާ ފޯނާއި ފައިސާ އަތުލަން މަސައްކަތްކުރި ކަމަށާއި ތުހުމަތު ކުރެވޭ މީހާގެ އަތުގައި އޮތް ގަލަމެއް، މައްސަލަ ހުށަހެޅި މީހާގެ ކަރުގައި ޖައްސާ ހަޅޭ ނުލެވުމަށް ބުނި ކަމަށް ހާދިސާ ރިޕޯޓުން އެނގެން އޮންނަ ކަމަށްވެސް ބަންދު އަމުރުގައިވެ އެވެ.
ފަހަކަށް އައިސް މީހުން ގޭގެއަށް ވައްދާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.