އެޗްޑީސީ

ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ހުރި ތަކެތި ނަގަން އަންގައިފި

ހުޅުމާލޭ މަގުތަކުން ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީ އިން އަންގައިފި

އެޗްޑީސީ އިން އަންގާފައިވަނީ މިފަދަ ތަކެތި މިމަހު 19ގެ ކުރިން ނެގުމަށެވެ.

އެޗްޑީސީގެ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން، އިންޑަސްޓްރިއަލް ޒޯނުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރު މަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ފަށާފައިވާ ކަމަަށެވެ.

މި މަސައްކަތް އިތުރަށް ފުޅާކޮށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ ހުރިހާ މަގުތަކުން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ. މިގޮތުން ދީފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުނަގައިފިނަމަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެޗްޑީސީން އެ ތަކެތި ނެގުމަށްވެސް ވަނީ ނިންމާފަ އެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމުގެ ތެރޭގައި އެ މުދަލަކަށް ލިބޭ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ.

އެޗްޑީސީ އިން މީގެކުރިން ވަނީ ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ މޭޒުތަކާއި ގޮނޑިތައް ނެގުމަށްވެސް ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި ނުނަގާ ހުރި ތަކެތި ނަގާފަ އެވެ.