މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 73 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 73.8 މިލިއަން ރުފިޔާ ލިބުނެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 67.1 މިލިއަން ރުފިޔާއަށްވުރެ 6.6 މިލިއަން ރުފިޔާ އިތުރުވުމެކެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށާފަ އެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށެވެ.
ފާއިތުވި ހަތަރު އަހަރު މުދަލު ޒަކާތް ބެހި ގޮތް
- ބޮލަކަށް 2،700 ރުފިޔާ - 2021 ވަނަ އަހަރު
- ބޮލަކަށް 3،00 ރުފިޔާ - 2022 ވަނަ އަހަރު
- ބޮލަކަށް 3،500 ރުފިޔާ - 2023 ވަނަ އަހަރު
- ބޮލަކަށް 4،000 ރުފިޔާ - 2024 ވަނަ އަހަރު
އިސްލާމިކް މިނިސްޓްރީން މިއަހަރު ވަނީ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 16.8 މިލިއަން ރުފިޔާވެސް ދޫކޮށްފަ އެވެ.