ފުއާދު ތައުފީގު

ރާއްޖޭގެ ޑިމޮކްރަސީ ދަނީ ހަރުދަނާވަމުން: ފުއާދު

ރާއްޖޭގެ ޑިމޮކުރަސީ ނިޒާމު ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ

ފުއާދު ތަފީގު މިހެން ވިދާޅުވީ ޑިމޮކުރަސީ ދުވަސް ފާހަގަކުރަން ރަސްފަންނުގައި، ގައުމީ ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންސް ކޯހުގައި ކިޔަވާ ދަރިވަރުން ދަރިވަރުން ބޭއްވި ހަރަކާތްތަކެއްގައި ވާހަކަދައްކަވަމުންނެވެ.

ފުއާދު ވިދާޅުވީ މީގެ 2،500 އަހަރު ކުރިން ޑިމޮކްރަސީގެ އުސޫލުތައް ގައުމުތަކުން ބަލައިގެންފައިވީ ނަމަވެސް ގިނަ ގައުމުތަކުގައި ހަރުދަނާ ޑިމޮކްރަސީގެ ނިޒާމެއް ނެތް ކަމަށެވެ.

"ދުނިޔޭގެ ގައުމު ތަކުގައި ވެރިކަންކަން ހިނގަމުން އައިސްފައިވާ ގޮތަށް ބަލާއިރު ވިރާސީ ގޮތުން ނުވަތަ އަސްކަރީ ގޮތުން ވެރިކަން އުފެދިގެން އަންނަ ތަން ފެނޭ. ދެން އެހާ ހިސާބުން ފެންނަނީ ޑިމޮކުރަސީގެ ސިފަތައް ގެއްލިގެންދާ ތަން،" ފުއާދު ވިދާޅު އެވެ.

ރާއްޖޭގެ ތާރީހަށް ބައްލަވާލައްވަމުން ފުއާދު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަމުން ފެށިގެންވެސް ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރުމުގެ ވާހަކަތައް އަބަދުވެސް ދައްކަމުން ދިޔަ ކަމަށެވެ.

އެކަމަކު ދިވެހިންނަށް ޑިމޮކްރަސީގެ ފުރިހަމަ ނިޒާމެއް ގެނެސްދީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނީ 2007 ވަނަ އަހަރު ތަސްދީގު ކުރެވުނު އާ ގާނޫނުއަސާސީގެ ދަށުން ކަމަށްވެސް ފުއާދު ވިދާޅުވި އެވެ. ދުނިޔޭގައި ޑިމޮކްރަސީ ދުވަސް ރާއްޖޭގައި ފާހަގަކުރުމަކީ ދުނިޔޭގެ ޑިމޮކްރަސީއާއި ރާއްޖޭ ޑިމޮކްރަސީ ގުޅިލާމެހިފައިވާ ކަން އަންގައިދޭ ކަމެއް ކަމަށްވެސް ފުއާދު ވިދާޅުވެފައިވެ އެވެ.