އެމެރިކާ

ބަހުސަށްފަހު ހެރިސްއަށް އޮތް ތާއީދު އިތުރުވެއްޖެ

އެމެރިކާގެ ރިޔާސީ ބަހުސްގައި މޮޅުވި ކަމަށް ބެލެވޭ ކަމަލާ ހެރިސް، ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވާ ހިޔާލު ހޯދުމުގެ ޕޯލްތަކުގެ ފަހު މަރުހަލާގައި ކުޑަ ކުރިއެރުމެއް ހޯދައިފި އެވެ.

މިދިޔަ ހަފްތާ ބޭއްވި ބަހުސަށްފަހު، ކަމަލާ ހެރިސް ވަނީ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އަނެއްކާވެސް މުހިއްމު ކުރިއެރުމެއް ހޯދާފަ އެވެ. ވޯޓު ލާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހެރިސް ވަނީ މި ބަހުސްގައި މޮޅުވެފަ އެވެ. މިކަން ދައްކުވައިދެނީ އެކި ސާވޭތަކުގެ ނަތީޖާ އިންނެވެ.

ގާޑިއަންގެ އެންމެ ފަހުގެ ވޯޓު ޕޯލްތަކުން ދައްކާ ގޮތުގައި، އެމެރިކާގެ މިހާރުގެ ނައިބް ރައީސާ ހެރިސް ވަނީ މިދިޔަ އަންގާރަ ދުވަހު ފިލަޑެލްފިޔާގައި އޮތް ބަހުސްއަށް ފަހު ޓްރަމްޕްގެ މައްޗަށް ކުރި ހޯދާފަ އެވެ. މިއީ ހަފްތާ ފެށުނުއިރު ދެ ކެންޑިޑޭޓުން ހަމަހަމަވެފައި ތިބި ހިސާބުން އައިސްފައިވާ ބަދަލެކެވެ.

މި ބަދަލު ފާހަގަކުރެވެނީ އަމިއްލަ ސާވޭތަކުން ކަމާއި މީގެތެރެއިން ބައެއް ސާވޭތަކުން ދައްކާ ގޮތުގައި ހެރިސްގެ ކުރިއެރުން ވަނީ ގާޑިއަން ޓްރެކާ އަޅާބަލާއިރު 0.9 ޕަސަންޓް މަތިވެފަ އެވެ.

ބަހުސަށްފަހު ކުރެވުނު ފުރަތަމަ ރޮއިޓާސް/އިޕްސޮސް ސާވޭއިން ދައްކާ ގޮތުގައި ހެރިސް ވަނީ ފަސް ޕޮއިންޓް ކުރިއަށް ޖެހިލާފަ އެވެ. މީގެ މާނައަކީ ހެރިސް 47 ޕަަަސަންޓް އަދި ޓްރަމްޕް 42 ޕަސަންޓްގައި އޮތުމެވެ. މިއީ ފާއިތުވި މަހު ޑިމޮކްރެޓުން ބޭއްވި ގައުމީ ޖަލްސާއަށްފަހު ރެކޯޑުކުރެވުނު ކުރިއެރުމަށްވުރެ އެއް ޕޮއިންޓްގެ އިތުރު ކުރިއެރުމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކުރި ސާވޭއަކުން ދައްކާ ގޮތުގައިވެސް ހެރިސް ވަނީ 50 ޕަސަންޓާ ގާތަށް ތާއީދު އިތުރުކޮށްފަ އެވެ. މިއީ ބަހުސްގެ ކުރިން ހެރިސް ރެކޯޑް ކުރަމުންދިޔަ 3-4 ޕޮއިންޓްގެ ކުރިއެރުމަށް ވުރެ އިތުރު ކުރިއެރުމެކެވެ. މި ސާވޭއިން ދައްކާ ގޮތުގައި ޓްރަމްޕަށް ލިބޭ ތާއީދު ވަނީ ދަށްވެފަ އެވެ.

ސާވޭ ހަދާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ އަންގާރަ ދުވަހުގެ ބަހުސްގައި ޓްރަމްޕް ދެއްކެވި ހަމަނުޖެހޭ ވާހަކަތަކުގެ ސަބަބުން އޭނާގެ އަގު ވެއްޓުނު ކަމުގެ ހެއްކެއް ކަމަށެވެ.