އެމްއެމްޕީއާރްސީ

ހިޔާނާތުގެ ތެރެއިން ބޭރަށްދިޔަ ފައިސާ އެބަ ހޯދަން: އޭސީސީ

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ހިޔާނާތުގެ ތެރެއިން ރާއްޖެއިން ބޭރަށް ދިޔަ ފައިސާ ރިކަވާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓް ނެރެން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް އަލި އަޅުއްވާލައި ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ހިޔާނާތުގެ ތަހުގީގުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ، ތަހުގީގަށް ބެލި ބެލުމާއި ހޯދި ހޯދުންތަކުގެ އަލީގައި ރާއްޖެއިން ބޭރަށް ބައެއް ފައިސާތައް މުއާމަލާތް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކުރެވުމުން ބޭރުގެ ބައެއް އެޖެންސީތަކާ އޭސީސީއިން މުއާމަލާތް ކުރަމުން އަންނަ ކަމަށާއި ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ހިޔާނާތާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އެކައުންޓްތައް މިހާރު ވެސް ފްރީޒް ކޮށްފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

"ތުހުމަތު ކުރެވޭ އެކައުންޓްތައް ފްރީޒް ކުރުމަށް މަސައްކަތްކޮށް ބައެއް އެކައުންޓްތައް މިހާރު ވެސް ހުންނާނީ ފްރީޒްކޮށްފައި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ބައެއް އެކައުންޓްތައް މިހާރުވެސް ހުންނާނީ ފްރީޒް ކުރެވިފައި،" މުއައްވިޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން ނެރެފައިވާއިރު، އެ އޮޑިޓް ކޮށްފައި ވަނީ 12 ނުވެމްބަރު 2013 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތަކާ ހަމަޔަށް އެމްއެމްޕީއާރްސީ އިން ހިންގާފައިވާ މާލީ މުއާމަލާތްތައްކުގެ މައްޗަށެވެ. މި ރިޕޯޓުގައި އެމްއެމްޕީއާރްސީ އިން 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.