އެޗްޑީސީ

ހުޅުމާލެއިން ދޫކުރާ ޕޮކެޓް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

މީގެތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 08 ޒޯނަކުން ދޫކުރާ 1،374 ޕާކިން ޖާގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000 ރުފިޔާ އެވެ.

އަށާރަ އަހަރު ވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މި ޖާގަތަކަށް ކުރިމަތިލެވިދާނެ އެވެ. ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ 1 ބީ ނުވަތަ 1 ސީގެ ވެހިކަލްއެއް އޮންނަންވާނެ އެވެ. އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންޖެހެ އެވެ.

އެޗްޑީސީ އިން ބުނީ ޕާކިން ސްލޮޓްތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށެވެ. އެއަށްފަހު މާލޭގެ އެހެން ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރާނެ ކަމަށެވެ.

ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭ ތަރުތީބު:

  • ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
  • ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
  • މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން

ޕާކިން ޖާގަތައް ދޫކުރަން ހަމަޖައްސާފައިވަނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

ޕާކިން ޖާގައަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 2:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ހުޅުމާލެއިން ދޫކުރާ ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.