ފިނިޕޭޖް

އެތައް ލައްކަ ރުފިޔާއިންވެސް ސަލާމަތްނުކުރެވުނު އަޑު!

  • ނަޒީހުގެ ހުނަރަށް ވުރެ ކެމްޕޭންގެ ބާރުގަދަ
  • އެ ރެއަށް އެކަނި ދެލައްކައަށްވުރެ ރުފިޔާގެ ސިމުން ވޯޓުލި
  • އާއިލާ ބުނަނީ މާކްސް ދިން ގޮތް ބަލަން ބޭނުން ކަމަށް

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގައި "ސަވައިވް" ވުމަކީ ފަސޭހަކަމެއް ނޫނެވެ. ޝޯގެ އެންމެ ބޮޑު އެއް ފެވަރިޓްގެ ގޮތުގައި އެތައް ބައެއްގެ ހިތްތައް ކަތިލަމުން ކުރިއަށް ދިޔަ ޒުވާން އަހުމަދު ނަޒީހު ނުވަތަ ރާޅުބޯއި އަށް މިކަން ވަރަށް ރަނގަޅަށް މިހާރު އެނގޭނެ އެވެ. މިދިޔަ ހަފުތާ ބަންދުގެ އެލިމިނޭޝަން ރައުންޑްގައި އޭނާ މުބާރާތުން ކަޓައިގެން އެ ދިޔައީ މުޅި ރާއްޖެ ރޮއްވާލައިފަ އެވެ.

މިއީ އެއްވެސް ބަޔަކު އުއްމީދުކޮށްގެން ތިބި ނަތީޖާއެއް ނޫނެވެ. ވަކިން ހާއްސަކޮށް ނަޒީހުގެ ސަލާމަތަށް ފައިސާ އޮއްސަމުން ދިޔަ އޭނާގެ އާއިލާގެ މެމްބަރުން އުއްމީދުކުރި ނަތީޖާއެއް ނޫނެވެ. ޖެހިޖެހިގެން އައި ތިން ވަނަ އެލިމިނޭޝަން ރައުންޑްގައި "ރަތް ގޮނޑި" ހޫނުކުރުމަށް ފަހު މުބާރާތުން ކަޓައިގެން ދިޔަ 18 އަހަރުގެ ނަޒީހުގެ ލޮލުން ކަރުނަ ތިއްކެއް އެ ސްޓޭޖަކަށް ނުޖެހިޔަސް އޭނާގެ އާއިލާ އެ ރޭ ރޮއްވާލީ އެމީހުން ނިންމައިގެން ތިބި ގޮތާ މުޅިން ހިލާފަށް ނަތީޖާ ނުކުތުމުންނެވެ.

ގާލާ ރައުންޑުގައި ނަޒީހު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އޭނާގެ އާއިލާ އިން ކުރި ކެމްޕޭނަކީ ފަހަރެއްގައި މުޅި އައިޑޮލް ޝޯގައި ވެސް އޭގެ ބައިވެރިޔެއެއްގެ ޕްރޮމޯޝަނަށް ހިންގުނު އެންމެ ވަރުގަދަ އަދި އެންމެ އަގުވެސް ބޮޑު ކެމްޕޭނެވެ. މާފުށީގައި ގެސްޓް ހައުސްއެއް ހިންގާ ނަޒީހުގެ އާއިލާ އިން އޭނާގެ ކެމްޕޭނަށް ކުރި ޚަރަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އަރަ އެވެ.

މިދިޔަ ހަފުތާ ބަންދުގެ އެލިމިނޭޝަން ރައުންޑްގައި ނަޒީހު ކަޓައިގެން ދިޔައިރު އެ ރެއަށް އެކަނި ވެސް އެ އާއިލާ އިން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ސިމް ކާޑުން އޭނާ އަށް ވޯޓް ފޮނުވި އެވެ. އެއީ އަދި ހަމައެކަނި އޭނާގެ އާއިލާގެ މެމްބަރުން ފޮނުވި ވޯޓްތައް ގުނާ އަދަދެވެ. މީގެ އިތުރުން މި ކެމްޕޭނުގައި އެހެން ރަށްރަށުގެ މީހުންނަށް ވެސް ސިމްކާޑް ބަހައިގެން ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު ނަޒީހަށް ހިތް ދޫކޮށްލައިގެ ފޯނުގައި ހުރި ލާރިތައް އޭނާގެ ވޯޓަށް ގުރުބާންކޮށްލި އަންހެން ކުދިންތައް އަދި ކޮބައި ހެއްޔެވެ؟

އެކަމަކު ވެސް ގާލާ ރައުންޑްގެ ތިން ވަނަ ބުރުން ނަޒީހް ސަލާމަތްވާގޮތެއް ނުވި އެވެ. ނަޒީހްގެ ފޭނުން އަދި އާއިލާ އިން ވެސް ތުހުމަތުގެ އިނގިލި ޝޯގެ ތިން ޖަޖުނަށް ދިއްކޮށްލި ހިސާބަކީ މިއީ އެވެ.

އެކަމަކު ކީއްވެގެން ހެއްޔެވެ؟

އަސްލު ވަރަށް އަންފެއާ! ވޯޓްގެ އަދަދު ވެސް ބަލަން ބޭނުން!

މިއީ ނަޒީހުގެ އާއިލާގެ ފަރާތުން އިއްޔެ އަވަސް އަށް އިންޓަވިއު ދިން އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ ލައުހާ ބުނި ވާހަކަ އެވެ. އޭނާ ބުނީ ޝޯގެ ޖަޖުން ނަޒީހުއާ ޖައްސާލާފައި ތިބޭކަން އެއީ ޝޯ ބަލާ އެންމެނަށް ވެސް އެނގޭ ހަގީގަތެއް ކަމަށެވެ.

އޭނާ ބުނީ ނަޒީހު ކަޓައިގެންދިޔައީ އެންމެ އިންސާފުވެރި ގޮތަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭނާ އަށް ޖަޖުން އަދި އާންމުންގެ ތައުރީފު ވެސް ލިބިފައި އަދި އެ ވަރުގެ އަގުބޮޑު ކެމްޕޭނެއްކޮށްފައި ވަނިކޮށް ކަޓައިގެން ދިއުމުން ނަތީޖާގެ ތަފްސީލު ވެސް ބަލަން މިހާރު އެދިފައިވާ ކަމަށެވެ.

"އަސްލު ވަރަށް އަންފެއާކޮށް ގެންދިޔައީ. އަޅުގަނޑުމެން އަސްލު ބަލާލަން ވެސް ބޭނުންވޭ ވޯޓްގެ އަދަދާ މާކްސް ވެސް،" ލައުހާ ބުންޏެވެ.

"ދެން އެންމެނަށް ވެސް އެނގޭދޯ، ނަޒިއްކޮއާ ވަރަށް ޖައްސާލާފަކަން ތިބެނީ ޖަޖުން. މީހުން ވެސް ކިޔާ އެއްޗެއް އެއީ. ޖަޖުން ސީދާ އޭނާ ކަޓުވާލީއެކޭ ނޫން. އެކަމަކު ޖަޖުން އޭނާ އަށް ވަރަށް ނެގެޓިވް ކަމަށް ފާހަގަކުރެވެއޭ. އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބީ ޓޮޕް ފައިވް އަށް ނުވަތަ ތިނެކަށް ދާނެ ކަމަށް."

ނަމަވެސް އެހެނެއް ނުވެ މާޔޫސީކަމެއްގެ ތެރެއަށް އެ އާއިލާ ގަންބާލީ އެވެ.

ލައުހާ ބުނީ ނަޒީހު ޝޯއިން ކަޓައިގެން ދިޔައީ އެއްގޮތަކަށް ވެސް އެމީހުންގެ ކެމްޕޭން ގޯސްވެގެން ނޫން ކަމަށާއި ޖަޖުންނަށް އޭނާ ކަމުނުގޮސްގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ކެމްޕޭން ގޯސްވެގެނެއް ނޫން. ޖަޖުން ހިތްހަމަނުޖެހޭ ގޮތަކަށް ގޮސްގެން ކަޓައިގެން އެ ދިޔައީ،" ފޯނުން ވާހަކަ ދައްކަމުން ލައުހާ ބުންޏެވެ.

"ވޯޓް ބަލަން ބޭނުންވާ ވާހަކަ ބުނެލާފަ ވާނީ އެކޮޅުގައި. އެމީހުން ބުނެފައި ވަނީ ވަރަށް ބޮޑަށް އެދިގެން ވޯޓްގެ ނަތީޖާ ބެލޭ ގޮތް ހެދިދާނެއޭ. އެއްބަޔަކު ބުނޭ އެގޮތަށް ވޯޓްގެ ނަތީޖާ ހާމައެއް ނުކުރެވޭނެއޭ ވެސް."

ކެޓީ އާންމުންގެ 50 ޕަސެންޓް ވޯޓް ނުލިބިގެންނެއް ނޫން!

ނަޒީހްގެ އާއިލާ އިން ބުނަނީ މިހެންނެވެ. ސަބަބަކީ އެހާ ވެސް ވަރުގަދަ ކެމްޕޭނެއް އެމީހުން ޖައްސާފައިވާތީ އެވެ. މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ނަޒީހަށް ގޯލްޑެން ޓިކެޓް ލިބުނު ހިސާބުން ފެށިގެން ބޮނޑިބަތް ކެއްކުމާއި ކެއުންތައް އާންމުންނަށް ތައްޔާރުކޮށްގެން މާފުށީގައި ކޮންމެ ހަފުތާއެއްގެ ހުކުރު ހޮނިހިރު ދުވަހުގެ ރޭ އެންމެން ނަޒީހުމެންގެ ގޭގެ ކުރިމަތީގައި ނެގި ފޯރި އަކީ ވެސް މި އަގުބޮޑު ކެމްޕޭނުގެ މުހިންމު ރަހައެކެވެ.

މީގެ އިތުރުން ރަށްތަކަށް ދަތުރުކޮށް އެ ރަށްތަކުގެ މީހުންނަށް ވެސް ސިމްކާޑު ބަހައި ނަޒީހުގެ ޕޯސްޓަރުތައް ބޭރުން ޕްރިންޓްކޮށްގެން ގެނެސް ރަށްތަކަށް ބަހައި މާލޭގެ ބޮޑެތި މަގުތަކުގައި ތަތްކުރުމުގެ ކެމްޕޭން ވެސް ކޮށްފައިވެ އެވެ.

ނަޒީހު ޝޯ އިން ކަޓައިގެން ދިޔައީ ޖަޖުންގެ ވޯޓް ނުލިބިގެން ކަމަށް އާއިލާ އިން ބުނަނީ މި ކެމްޕޭނެއްގައި އެމީހުންގެ ގައިން އޮހޮރުވި ދަލުގައި ހުރި ވަރު އެމީހުންނަށް މިވަރަށް އެނގޭތީ އެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެން މި ކެމްޕޭން ކުރިއަށް ގެންދިޔައިން. ރަށްރަށަށް ގޮސް މީސް މީހުންނަށް ސިމްގަނެދީގެން ވެސް ވޯޓް ލައްވާފައި ހުންނާނެ. އަޅުގަނޑުމެންގެ އާއިލާގެ މެމްބަރުން އެކަނި ވެސް ހުންނާނެ އެ ރެއަށް ހާއްސަކޮށްގެން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ސިމް ނަގައިގެން ވޯޓް ދީފައި،" ލައުހާ ކިޔައިދިނެވެ.

"އެއީ އަދި ހަމައެކަނި އަޅުގަނޑުމެންގެ ފެމިލީ އިން އެކަނި. އެ ދުވަހު އެކަނި ކުރި މަސައްކަތަކީ އެއީ. އެހެންވީމަ މި ބުނަނީ އާންމުންގެ ވޯޓުގައި ދަށްވެގެންނެއް ނޫނޭ ނަޒިއްކޮ ކަޓައިގެން ދިޔައީ. އެ ވޯޓަކުންނެއް ނުކަޓާނެ. އަނެއްކޮޅުން ނަޒިއްކޮގެ ފޭނުން ވެސް އެހާ ބައިވަރު އޮންނާނެ."

"މި ބުރުގައި އާދަޔާހިލާފަށް ގިނައިން އަޅުގަނޑުމެން ވޯޓްލިން. އެހެން ބުނާކަށް ނޭނގޭ ކިހާ ވަރެއް ކަމެއް. ފަސް ލައްކަ އަށް ވުރެ ވެސް ބޮޑު ހޭދައެއް ވާނީ ކުރެވިފައި މުޅި މި ކެމްޕޭނަށް. އެއި ޕޯސްޓަރުތައް ވެސް އެބަހުރި ވަރަށް ބައިވަރު ޕްރިންޓްކޮށްފައި. އަދިވެސް އެބަހުރި ބޭނުންނުކުރާ ޕޯސްޓަރު ވެސް."

ލައުހާ ބުނީ ޝޯއިން ނަޒީހު ކެޓިޔަސް އަސްލު އެކަން މައްސަލައަކަށް ހަދަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް އެކަން އިންސާފުވެރި ނޫން ކަމަށް ގަބޫލުކުރަނީ ފަހު ރޭގެ ޕާފޯމެންސަށް ފަހު ނަޒީހަށް ޖަޖުންގެ ފަރާތުން ވެސް ޕޮޒިޓިވް ފީޑްބެކް ލިބިފައި ޝޯ އިން ކަޓައިގެން ދިއުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މައްސަލައަކަށް ވަނީ އެންމެ ފަހު ޝޯގައި ހުރިހާ ޖަޖުން ނަޒީހްގެ ޕާފޯމެންނަށް ތާއީދުކޮށްފައި އިމްޕްރޫމަންޓް އައި ކަމަށް ބުނެފައި ވެސް އެންމެފަހުން މިހެންވީމަ. ކުރީގެ ޝޯތަކުގައި ޖަޖުންގެ ފަރާތުން ލިބިފައި ވަނީ މުޅިން ވެސް ނެގެޓިވް ކޮމެންޓްސް. އެކަމަކު އެ ރޭގެ ޝޯގައި ޖަޖުން އެގޮތަށް ވާހަކަ ދައްކާފައި މާކްސް މިހެން ދިޔައީމަ އެއީ މައްސަލައަކީ،" ލައުހާ ބުންޏެވެ.

"މި ބުނަނީ އަޅުގަނޑުމެންގެ ފަރާތަކުން، ވޯޓަކުން ދަށެއް ނުވާނެ. ފިފްޓީ ޕަސެންޓް ލިބޭނެ. ޔަގީން. އެވަރުގެ ޔަގީންކަމެއް އެބައޮތް."

ނަޒީހު މި ހިސާބަށް އައީ ފައިސާގެ ބާރުގަތަ؟

ނަޒީހުގެ އާއިލާ އަކީ މާފުށީގެ ނަސީބާ ގުޅިފައިވާ ލޯކަލް ޓުއަރިޒަމްގެ ފޮނިމީރުކަން ލިބިފައިވާ ތަނަވަސް އާއިލާއެކެވެ. އާންމު މީހުންގެ ބަހުރުވައިން ބުނާ ނަމަ ނަޒީހަކީ މޯލްޑިވިއަން އައިޑޮލްގައި ވާދަކުރި، ހިޔާލެއް ފިކުރެއް ނެތް "ރިޗް ކިޑެކެވެ."

އޭނާ ޝޯއިން ކަޓައިގެން ނުދާނެކަން ޔަގީންކުރުމަށް މިދިޔަ އެލިމިނޭޝަން ރައުންޑަށް އެކަނި އޭނާގެ އާއިލާ އިން ކުރި ބޮޑު ހޭދައިން ވެސް އެކަން ނިކަން ރަނގަޅަށް ސާބިތުކޮށްދެ އެވެ. ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ސިމްކާޑުން އެ ރެއަށް ހާއްސަކޮށްގެން ވެސް ވޯޓް ފޮނުވި އެވެ.

މިއީ މި ޝޯގައި ވާދަކުރާ އެހެން ލަވަކިޔުންތެރިންނަށް ބަލާއިރު އެކަނި މާއެކަނި ނުވަތަ އޭގެ ބައިވެރިއެއްގެ އާއިލާއަކަށް އެކަނި ކުޅަދާނަވެގެންވާނެ އަދަދުތަކެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އެހެންވީމަ މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 10 އަށް ނަޒީހު ގެންގޮސް ދިނީ ފައިސާގެ ބާރު ދެއްކި މި އަގުބޮޑު ކެމްޕޭންގެ ސަބަބުންތޯ އެވެ؟ ނުވަތަ ގުދުރަތުން އޭނާ އަށް ދެއްވާފައި އެވާ ބަރުބަރު އަދި އެހާމެ ހިތްގައިމު އަޑާ ހެދިގެން ހެއްޔެވެ؟

ގިނަ ބަޔަކު ބުރަވާ ގޮތުން ނަޒީހު މިހާ ދުވަސްވަންދެން އައިޑޮލްގައި "ސަވައިވް" ވީ އޭނާގެ އަގުބޮޑު ކެމްޕޭންގެ ސަބަބުންނެވެ. ނަޒީހަކީ ޝޯގެ ބެލުންތެރިންގެ މެދުގައި ފެވަރިޓެކެވެ. އެއީ ވެސް އެއް ބަޔަކު ގަބޫލުކުރާ ގޮތުން ޝޯގެ މިހައި ހިސާބަށް ނަޒީހު ގެންގޮސްދިން މައިގަނޑު އެއް ސަބަބެވެ.

އެހެންވީމަ ނަޒީހުގެ މި ކާމިޔާބީގައި އޭނާގެ ލަވަކިޔުމުގެ ހުނަރަށް އޮތީ ކިތައް ޕަސެންޓްގެ ހިއްސާއެއް ހެއްޔެވެ؟ އޭނާގެ އާއިލާ އިން އެދޭ ގޮތަށް ޖަޖުންގެ މާކްސް ޝީޓްތައް އާންމުކޮށްފި ނަމަ ނަޒީހުގެ އަޑުގައި ހުރި އަސްލު އަގު ނިކަން ރަނގަޅަށް ވެސް ހާމަވެގެންދާނެ އެވެ.