ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދަރަނި 85 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ފީފާ އިން އެކުލަވާލާފައިވާ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އިން ބުނެފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީ އިން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާމަން އަދި ރާއްޖޭގެ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ މިހާތަނަށް ލިޔެކިޔުމުން ފެންނަން ހުރި އެފްއޭއެމްގެ ދަރަނީ އަދަދަކީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާއާއި 35 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެެއް ކަމަށެވެ. އެކަމަކު އެކިއެކި ގޮތްގޮތުން ލިބޭ މައުލޫމާތަށް ބަލާއިރު އެފްއޭއެމްގެ ޖުމްލަ ދަރަނި ކަމަށް ބުނެ ބައެއް ނޫސްތަކުގައި މީގެކުރިން ރިޕޯޓްކޮށްފައިވާ 85 މިލިއަން ރުފިޔާއަށް ވުރެ ޖުމްލަ ދަރަނި އިތުރުވާނެ ކަމަށް ކޮމިޓީގެ މެންބަރުންނަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް މީޑިއާތަކުން އެބަ ރިޕޯޓުކުރޭ 85 މިލިއަން ކަމަށް. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އެއަށްވުރެވެސް މަތިވާނެ ކަމަށް ބެލެވެއޭ،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފްއޭއެމް އިން ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދުވެސް 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށްވެސް ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާ ހޯދުމާއި އެފްއޭއެމް އިން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ރީސްޓްރަކްޗާ ކޮށްގެން ފައިސާ ދެއްކުން ކަމަށެވެ. ދަރަނީގެ މައްސަލަ ހައްލުކުރަންވެސް އަދި ކޮމިޓީގެ މަސައްކަތްތަކަށްވެސް އޮތް އެންމެ ބޮޑު ދައްޗަކީ އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާ ނެތުމާއި އެފްއޭއެމްގެ އެކައުންޓްތައް އޮޕަރޭޓް ކުރަން ބޭންކް ތެރެއިން ނޯމަލައިޒޭޝަން ކޮމިޓީއަށް އަދި ފުރުސަތު ނެތުން ކަމަށެވެ.
"އެކަމަކު ބޭންކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާރު ވާނީ ހަމަކޮށް ހުށަހަޅާފައި،" ޒުހޫރު ވިދާޅުވި އެވެ.
މާލީ ދާއިރާއާއި ހިންގުމުގެ ދާއިރާގައި ވަރަށް ގިނަ ބޮޑެތި ތަޖުރިބާތަކެއް ހާސިލްކުރައްވައިގެން ހުންނެވި ޒުހޫރު މިއަދު ވިދާޅުވީ އެފްއޭއެމްއަށް ދިމާވެފައި އޮތް ބޮޑު މައްސަލައަކީ އޭނާގެ މުޅި ހަޔާތުގައި ކުރިމަތިލެއްވި އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީ އިން އެފްއޭއެމް ހަމައަކަށް އަޅުންވަން މަސައްކަތް ފެށި ނަމަވެސް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އެފްއޭއެމްގައި ހުރި ފުންމިނެއް ނޭނގޭ ބޮޑެތި މައްސަލަތައް ހައްލުކުރަން ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއަށް ދީފައިވަނީ އެއް އަހަރުގެ މުއްދަތެކެވެ. އެކަމަކު ޒުހޫރު މިއަދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ހުރިހާ މަސައްކަތްތައް ފުރިހަމައަށް ނިންމާނުލެވޭނެ ކަމަށެވެ.