ވެމްކޯ

މޯޕާއިން ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި އެވެ.

ޕްލާސްޓިކް ރިސައިކަލް ކުރުމަށް ހާއްސަ ވަސީލަތްތައް މޯޕާގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫނެވެ. އަދި އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

މޯޕާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ކުނި ކަލެކްޓުކުރާ ހަތަރު ޕިކަޕާއި، ޕްލާސްޓިކް ފުޅި ކޮމްޕެކްޓުކުރަން ބޭނުންކުރާ ހަތަރު ބެއިލަރު މެޝިނާއި، ގޭގެއިން ޕްލާސްޓިކް ފުޅި އެއްކުރުމަށް ހަދިޔާކުރި ގިނަ އަދަދެއްގެ ނެޓް ބޭގު ވެސް ހިމެނެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ވިދާޅުވީ ރައްކާތެރިކޮށް ޕްލާސްޓިކް މެނޭޖުކުރުމުގައި އެ ކުންފުންޏަށް ދަތިތަކެއް ހުރި ކަމަށާއި މޯޕާއިން ހަދިޔާކުރި ވަސީލަތްތަކުގެ ސަބަބުން އެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ އަތޮޅުތަކުގައި ވެސް ޕްލާސްޓިކް މެނޭޖުކުރެވޭނެ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހަދިޔާކުރި ހަތަރު ޕިކަޕު ބޭނުންކުރުމަށް ގަސްތުކުރަނީ އައްޑޫ ހިތަދޫއާއި، ފުވައްމުލަކު ސިޓީއާއި، ލ. ފުނަދޫއާއި ލ. ގަމުގައި ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މޯޕާގެ ރައީސް ވާހަކަދައްކަވަމުން ވިދާޅުވީ ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި މޯޕާއިން 239 ޓަނުގެ ޕްލާސްޓިކް ކަލެކްޓުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އަމާޒުކުރަނީ ރާއްޖޭގައި ވީހާވެސް ބޮޑު އާބާދީއަކަށް ޕްލާސްޓިކް މެނޭޖުކުރުމުގައި އެހީވުމަށް ކަމަށެވެ.

މޯޕާއިން މިއަހަރުގެ ކުރީކޮޅުގައި ވެސް ވަނީ ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރުމަށް ބޭނުންވާ އެކި ވަސީލަތްތައް ހަދިޔާކޮށްފަ އެވެ.