ބޭރު ކުޅިވަރު

ޑިއެގޯ ކޯސްޓާގެ ދަތްއެޅި ވާހަކަ ބެރީ ދޮގުކޮށްފި

އެވަޓަން އަތުން ރޭ ޗެލްސީ ބަލިވި މެޗުގައި ގެރެތް ބެރީގެ ކަރުގައި ޗެލްސީގެ ޑިއެގޯ ކޯސްޓާ ދަތްއެޅި ކަމަށް ދެކެވެ ވާހަކަ ބެރީ ދޮގުކޮށްފި އެވެ.

އޭނާ މިހެން ބުނީ މި މައްސަލާގައި ފިޔަވަޅު އެޅުމަށް އިނގިރޭސި އެފްއޭއިން ތައްޔާރުވަމުން އަންނަނިކޮށެވެ. އެފްއޭއިން މިވަގުތު އިންތިޒާރު ކުރަމުންދަނީ ރެފްރީގެ ރިޕޯޓަށެވެ.

ރޭގެ މެޗުގެ 84 ވަނަ މިނިޓްގައި ދެ ކުޅުންތެރިންގެ ތެރޭގައި އުދެފުނު ހިތްހަމަނުޖެހުމުގައި ބެރީގެ ކަރުގައި ކޯސްޓާ ދަތް އެޅި ކަމަށް މެޗުގެ އެނަލިސްޓުން ވަނީ ފާހަގަކޮށްފަ އެވެ. މި ހާދިސާ އަށް ފަހު ރެފްރީ ވަނީ ކޯސްޓާ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ނަމަވެސް މިއަދު ކޯސްޓާ ވެސް ވަނީ މިކަން ދޮގުކޮށްފަ އެވެ.

ޗެލްސީގެ ސެސް ފެބްރިގާސް އަށް ނުރައްކާތެރި ފައުލެއް ކޮށްގެން ބެރީ އަށް ވެސް ރަތްކާޑު ދެއްކި މި މެޗަށް ފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ކޯސްޓާ ދަނޑުން ފޮނުވާލަންޖެހޭ ކަމަށާއި ރެފްރީގެ ނިންމުން ރަނގަޅު ކަމަށެވެ. އޭނާ ވަނީ ބެރީ އަށް ދެއްކި ރަތްކާޑަށް ވެސް މަރުހަބާ ކިޔައިފަ އެވެ.

ނަމަވެސް ނަމަވެސް މެޗަށް ފަހު ޗެލްސީގެ ކޯޗު ގުސް ހިޑިންކް ބުނީ އޭނާ އަށް އެ މަންޒަރު ސާފުކޮށް ފެނިފައިނުވާތީވެ ވަކި އެއްޗެއް ބުނެވެން ނެތްކަމަށެވެ.

"އަހަރެންނަށް ވަރަށް އުނދަގޫ އޭނާ އެކަން ކުރި ކަމަށް އާނއެކޭ ވެސްނުވަތަ ނޫނެކޭ ވެސް ބުނެވޭކަށް. އަހަރެން ބޭނުންވި އޭނާ ރެސްޓް ކުރުވަންވެސް. އެކަމަކު މިއީ އޭނާ އަރާމުކުރަން ބައިންދާފައި ކުޅެވޭކަހަލަ މެޗެއްނޫން. މިހެންވެ އެރުވީ ވެސް،" ހިޑިންކް ބުންޏެވެ.