ވަޓްފޯޑް އަތުން މިރޭ 2-0އިން ބަލިވެ އެފްއޭކަޕުން ޗެމްޕިއަން އަދި ވަރުގަދަ އާސެނަލް ކަޓައިފި އެވެ.
މެޗުގެ ފަހު ފަސް މިނިޓްގައި ޑެނީ ވެލްބެކް ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިން ނަމަވެސް ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން ކުޅުނު އާސެނަލް މުބާރާތުން ކެޓުމުން މި ސީޒަނުގައި އާސެނަލް އަށް ތައްޓެއް ލިބުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
އާސެނަލް ކުޅޭ ހަތަރު މުބާރާތުގެ ތެރެއިން ތައްޓެއް ހޯދުމުގެ ފުރުސަތު މިހާރު އޮތީ ޗެމްޕިއަންސް ލީގާއި އިނގިރޭސި ލީގުގައި އެކަންޏެވެ.
ނަމަވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ސްޕޭނުގެ ބާސެލޯނާ އަތުން ބަލިވެފައިވާތީވެ އެ މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ވަރަށް ހަނި ކަމަށް ކޯޗު ވެންގާ ވެސް ވަނީ ބުނެފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުން އާސެނަލް ތިން ލަނޑުން މޮޅުނުވެއްޖެނަމަ މުބާރާތުން ކަޓާނެ އެވެ.
އަނެއްކޮޅުން އިނގިރޭސި ލީގުގައި އާސެނަލް މިވަގުތު އޮތީ 52 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. މިއީ އެއްވަނާގައިވާ ލެސްޓާ ސިޓީއަށްވުރެ އަށް ޕޮއިންޓް މަދު އަދަދެކެވެ.
މިއީ މީގެ ހަ ހަފުތާކުރިން އާސެނަލް އެފްއޭކަޕާއި ޗެމްޕިއަންސް ލީގާއި އިނގިރޭސި ލީގުގައި އޮތް މަގާމާ ބަލާއިރު ވަރަށް ބޮޑު ވެއްޓުމެކެވެ.